ޚަބަރު

ސިރިއާގެ ހަނގުރާމައިގައި ބައިވެރިވި ދިވެހި އަންހެނަކު ހަތަރު ދަރިންނާއެކު ތުރުކީން އަތުލައިގެންފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސީރިއާއާއި އަފްޣާނިސްތާނުގެ ހަނގުރާމައިގައި ބައިވެރިވި ދިވެހި އަންހެނަކު، އޭނާގެ ހަތަރު ދަރިންނާއެކު ތުރުކީން އަތުލައިގެންފި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by MWSC

މިކަމާ ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ވިދާޅުވީ ދުނިޔޭގެ އެކި ގައުމުތަކުގައި ހިނގަމުންދިޔަ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވި ދިވެހި އާއިލާއެއްގެ އަންހެނަކު އޭނާގެ ހަތަރު ދަރިންނާއެކު ސީރިޔާއިން ތުރުކީއަށް ގަވާއިދާ ހިލާފަށް އެތެރެވެ، އެގައުމުގައި އުޅެނިކޮށް އެގައުމުގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށަށް ގެނެސް ދިވެހި ސަރުކާރަށް އެކަން އެންގުމާ ގުޅިގެން، މި މައްސަލަ ތަހުގީގުކޮށް، އެ އާއިލާއަށް ނިސްބަތްވާ ކުޑަކުދިންގެ ރަށްވެހިކަމާއި ދަތުރުފަތުރާ ގުޅުންހުރި ލިޔުންތަކާއި އެފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނައުމަށް ހަމަޖައްސަންޖެހޭ އިދާރީ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް ކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޓީމެއް ތުރުކީގައި، އެގައުމުގެ ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިވަގުތު ހަރަކާތްތެރި ވަމުންދާ ކަމަށެވެ.

ފުލުހުން ވިދާޅުވީ މިހާތަނަށް މި މައްސަލައިގައި ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، ތުރުކީގެ އިދާރާތަކުގެ ބެލުމުގެ ދަށުގައި ހުރި އަންހެންމީހާ އަކީ އަފްޤާނިސްތާނާއި ސީރިޔާގެ ހަނގުރާމައިގައި އުޅުނު ދިވެހި ދެ ފިރިހެނަކަށް ހަތަރު ދަރިން ލިބިފައިވާ އަންހެނެއް ކަމަށާއި މީގެ ތެރެއިން އެންމެ ހަގު ދެކުދިން އުފަންވެފައި ވަނީ އަފްޤާނިސްތާނާއި ސީރިޔާގައި ދިރިއުޅުނުއިރުކަމަށް ބުނެފައިވާތީ، މި ދެ ކުދިންނަކީ ދިވެހި އަންހެން މީހާގެ ދަރިންކަން ކަށަވަރުކުރުމަށް ޓަކައި ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.

"ތުރުކީގެ ކަމާބެހޭ ފަރާތްތަކުގެ ބެލުމުގެ ދަށުގައި ތިބި މި ދިވެހި އާއިލާގެ ރަސްމީ އެއްވެސް ލިޔުމެއް ނެތުމުން، އެފަރާތްތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ރަށްވެހިކަން އޮތް ފަރާތްތަކަށް ދަތުރުފަތުރު ކުރުމަށް ބޭނުންވާ ލިޔުންތައް ތައްޔާރުކުރުމާއި ރާއްޖެއިން ބޭރުގައި އުފަންވި ކުދިންގެ ރަށްވެހިކަމާއި ރެޖިސްޓްރޭޝަނާގުޅޭ ކަންކަން ހަމަޖެއްސުމަށްޓަކައި ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް ގާނޫނީ ހައްލުތަކެއް ހޯދުމަށް މިދަނީ މަސައްކަތް ކުރަމުންނެވެ." ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މިފަދަ ފަރާތްތައް އަނބުރާ ދިވެހިރާއްޖެއަށް ގެނެވޭ ހާލަތްތަކުގައި އެފަރާތައް ހަރުދަނާ ނިޒާމެއްގެ ތެރެއިން ރިހިބިލިޓޭޓްކޮށް އަނބުރާ މުޖުތަމައަށް ގެންނައުމަށް ހަމަޖައްސަންޖެހޭ އިންތިޒާމްތައް މިނިސްޓްރީ އޮފް ހޯމް އެފެއާޒްގެ ދަށުން ހިންގާ ނޭޝަނަލް ރިއިންޓެގްރޭޝަން ސެންޓަރާ ގުޅިގެން ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

  1. ޟޭހު ރަމީޒް

    ޝޭހު ރަމީޒުމެން ހަގުރާމައަށް ފޮނުވާ މީހުންނަށް ވިއްކާ އަންހެނުން. އެހެހެން ގޮތަކަށް ބުނަންޏާ ދީނީ ނާސި އަންހެނުން.