އޭއެސްސީ ގެ"އިންސާނާ" މަދަހަ މުބާރާތް މި މަހު 7ގައި ފަށަނީ

ލ. މާވަށު ސްކޫލްގެ ދަރިވަރުން ދީނީ ކަންކަމަށް ޝައުޤުވެރި ކުރުވުމުގެ މަގުސަދުގައި އަކިރިކޮޅު ސްޕޯޓްސް ކްލަބް (އޭއެސްސީ) އިން ބާއްވާ "އިންސާނާ" މަދަހަ މުބާރާތް މި ހިނގާ މެއި މަހުގެ 7ވަނަ ދުވަހު ފެށުމަށް ނިންމައިފިއެވެ.
މި މަދަހަ މުބާރާތަކީ އޭއެސްސީގެ އިޖުތިމާއީ ޒިންމާގެ ތެރެއިން ރާވައި މާވަށު ސްކޫލާ ކައުންސިލު ގުޅިގެން ބާއްވާ މުބާރާތެއް ކަމަށް އެ ކްލަބުގެ ފައުންޑަރ އަޙުމަދު މުޙައްމަދު (އައްމު) "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވިއެވެ.
"މި މުބާރާތުގެ މަޤްސަދަކީ ދަރިވަރުންގެ ހިތްތަކުގައި ދީނީ ކަންތައްތަކަށް ޝައުޤުވެރިކުރުވުން. އަދި ދަރިވަރުންގެ ހިތުގައި މަދަހަ ކިޔުމަށް ވެސް ޝައުޤުވެރި ކުރުވުން. މި މުބާރާތުގެ އެންމެހާ ޚަރަދުތަކެއް ބަލަހައްޓާނީ އަކިރިކޮޅު ސްޕޯޓްސް ކްލަބުން." އައްމު ވިދާޅުވިއެވެ.

އައްމު އިތުރަށް ވިދާޅުވީ މި މަދަހަ މުބާރާތުގެ އެންމެހާ ކަންތައްތައް ރާވާ ހިންގުމަށްޓަކައި އޭއެސްސީ، މާވަށު ސްކޫލް އަދި މާވަށު ކައުންސިލު ގުޅިގެން ޖޮއިންޓް ކޮމިޓީއެއް އެކުލަވާލައިފައިވާނެ ކަމަށެވެ.
މި މަދަހަ މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ މާވަށު ސްކޫލުގެ ހުރިހާ ދަރިވަރުންނަށް ވަނީ އެ ފުރުސަތު ހުޅުވާލައިފައެވެ. އަދި އެ ސްކޫލުގެ ބެލެނިވެރިންނަށް، ގްރޫޕް މަދަހަ ހުށަހެޅުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލައިފައެވެ.
"މިގޮތުން ކޮންމެ ކީ ސްޓޭޖަކުން (ފައުންޑޭޝަން ސްޓޭޖް، ކީސްޓޭޖް 1، ކީސްޓޭޖް 2، ކީސްޓޭޖް 3 އަދި ކީސްޓޭޖް4) ގެ ގިނަވަގެން ދެ ގްރޫޕަށް ބައިވެރިވުމުގެ ފުރުސަތު ދެވޭނެ. ކޮންމެ ގްރޫޕެއްގައި ބައިވެރި ވެވޭނީ މަދުވެގެން 3 އަދި ގިނަވެގެން 7 ބެލެނިވެރިންނަށް" އައްމު ވިދާޅުވިއެވެ.

މި މުބާރާތަށް ދަރިވަރުން ތައްޔާރު ކުރުވުމަކީ ބެލެނިވެރިންގެ މަސްއޫލިއްޔަތެއް ކަމަށާއި އަދި ބެލެނިވެރިންގެ މަދަހަތަކަށް ތައްޔާރުވުމަކީ ވެސް ބެލެނިވެރިންގެ ޒިންމާއެއް ކަމަށް ވެސް އޭއެސްސީން ބުނެފައިވެއެވެ.
މިހާތަނަށް މި މަދަހަ މުބާރާތުގައި 40އަށް ވުރެ ގިނަ ކުދިން ބައިވެރި ވެފައި ވެއެވެ.
އައްމު ވިދާޅުވި ގޮތުގައި މި މުބާރާތުގެ ބައިވެރިވާ ދަރިވަރުންގެ ތެރެއިން ކޮންމެ ކީސްޓޭޖަކުން އެންމެ މަތިން ޕޮއިންޓް ހޯދާ ތިން ބައިވެރިއަކަށް ޚާއްސަ ޓްރޮފީއެއް ދެވޭނެއެވެ. އަދި ފައިނަލް ރައުންޑުގައި އެންމެ މަތިން ޕޮއިންޓު ހޯދާ ތިން ބައިވެރިންނަށް ވެސް ޚާއްސަ ޓްރޮފީއެއް ދެވޭނެއެވެ.

ގަދަ 8އަށް ދާ މަދަހަ ކިޔުންތެރިންނަށް ވެސް ޓްރޮފީއެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.
ބެލެނިވެރިންގެ ގްރޫޕްތަކުން އެންމެ މަތިން ޕޮއިންޓު ހޯދާ 3 ގްރޫޕަށް ޚާއްސަ ޓްރޮފީއެއް ދެއެވެ. އަދި އެންމެ މަތިން ޕޮއިންޓް ހޯދާ 3 ކިސްޓޭޖަށް ވެސް ޚާއްސަ ޓްރޮފީއެއް ދެއެވެ.
މީގެއިތުރުން ވަނަވަނައަށްދާ ފަރާތްތަކަށް އާންމު މީހުންގެ ފަރާތުން ވެސް ފައިސާގެ އިނާމާއި ގިފްޓް ޕެކް ދިނުމަށް ވަނީ ހުށަހަޅާފައެވެ.

"އަކިރިކޮޅު" މި ނަމަކީ މާވަށު ކާބަފައިންގެ ދައުރުއްސުރެ އެރަށުގެ ހިސާބަކަށް ކިޔާ މަޝްހޫރު ނަމެކެވެ. އަދި "އަކިރިކޮޅު އެސްސީ" އަކީ ޒުވާން ލީޑަރޝިޕެއްގެ ދަށުން ހިންގާ ކްލަބެކެވެ.