ޚަބަރު

ނޫސްވެރިންގެ ޙަޔާތުގެ ދަތުރަކީ އަޑިގުޑަން ބޮޑު އަދި އެހާމެ އުނދަގޫ މަގެއްގައި ކުރެވޭ ދަތުރެއް : މީޑިއާ ކައުންސިލް

ރައުފާ ރަޝީދު ، ދެން އޮންލައިން

މިއަދު ފާހަގަކުރަމުން އަންނަ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލުން ދުވަހުގެ ތަހުނިޔާ ދިވެހިރާއްޖޭގެ އެންމެހާ ނޫސްވެރިންނާއި މީޑިއާތަކަށް އަރިސްކޮށްފިއެވެ.

Ads by Hajj Corporation

މޯލްޑިވްސް މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހަމަހަމަކަމާއެކު ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމުގައި ނޫސްވެރިން އެއްވެސް ވަރުބަލިކަމެއްނެތި މަސައްކަތް ކުރަމުންދާކަމީ ތައުރީފު ހައްގު ކަމެއް ކަމަށެވެ.

ނޫސްވެރިންގެ ޙަޔާތުގެ ދަތުރަކީ ނިކަން އަޑިގުޑަން ބޮޑު އަދި އެހާމެ އުނދަގޫ މަގެއްގައި ކުރެވޭ ދަތުރެއްކަން ފާހަގަކޮށް މީޑިއާ ކައުންސިލުން ބުނީ ނޫސްވެރިން ވެސް ކަންކަމުން އިބުރަތް ހާސިލުކޮށް ކުރިއަށް ދިމާވެދާނެ ކޮންމެކަމަކަށް ލޯ ހުޅުވައިގެން ތިބުމަކީ ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ. އަދި މިހާރުވެސް ރައްޔިތުންނާ ހަމައަށް ޚަބަރާއި އެންމެފަހުގެ މަޢުލޫމާތު ފޯރުކޮށްދެމުންދާ އެންމެހައި
ނޫސްވެރިންނާއި މީޑިއާތަކުގެ މަސައްކަތަށް ފަށްފަށުން ޝުކުރު ދަންނަވާ ކަމަށާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރުމާއެކު އެ މިނިވަންކަމުގެ ބޭނުން ޒިންމާދާރުކަމާއެކު ހިފުމަށް އަބަދުވެސް ބާރު އަޅާކަމަށެވެ.

“މޯލްޑިވްސް މީޑިއާ ކައުންސިލުން އެދެނީ އަދި އަޅުގަނޑުގެ އިޚްލާސްތެރި ދުޢާއަކީ، ދިވެހިރާއްޖޭގައި މަސައްކަތްކުރައްވާ އެންމެހާ ނޫސްވެރިންނާއި މީޑިއާތަކުން، އިސްލާމީ ރިވެތި އަޚްލާޤުގެ މިންގަނޑުގެ ތެރޭގައާއި އަދި ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ ނޫސްވެރިކަމުގެ އަޚުލާޤީ މިންގަނޑަށް ފުރިހަމައަށް އަމަލުކުރަމުންދާ ވެއްޓެއް ރާއްޖެއިން ފެނިގެން ދިޔުން. އަދި އަޅުގަނޑުމެން އެންމެން ގުޅިގެން މިކުރާ މަސައްކަތުގައި މާތްﷲ ބަރަކާތްލައްވައި، ނޫސްވެރިންނާއި މީޑިއާތަކަށް ކާމިޔާބާއި އަރުތަ މިންވަރު ކުރެއްވުން” މީޑިއާ ކައުންސިލް

 

ނޫސްވެރިކަމުގެ މިނިވަންކަން ދަރަޖަކުރާ ޕްރެސް ފްރީޑަމް އިންޑެކްސްގައި މިދިޔަ އަހަރު ދިވެހިރާއްޖެއިން އިތުރު 7 ދަރަޖައިގެ ކުރިއެރުމެއް ހޯދައި އެ އިންޑެކްސްގެ 72 ވަނައަށް އަރާފައިވުމުން 2021 ވަނަ އަހަރަކީ، ދިވެހިރާއްޖޭގެ ނޫސްވެރިކަމުގައި އައު ހަރުފަތްތަކެއް ގިރާކޮށް އިންޤިލާބީ ބަދަލެއް ގެނުވި
އަހަރެއްކަމަށް މީޑިއާ ކައުންސިލުން ބުނެއެވެ.

މީގެ އިތުރުން ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގަކަށްވީހިނދު، އެ މިނިވަންކަން އެންމެ ފުޅާ ދާއިރާއެއްގައި ލިބިދިނުމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އަބަދުވެސް މަސައްކަތްކުރަމުންދާނެކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.

ޔުނެސްކޯއިން މިއަހަރުގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހަށް ކަނޑައެޅުއްވި ޝިޢާރަކީ،
"Information as a Public Good“ މި ޝިޢާރެވެ. ނުވަތަ "މައުލޫމާތު ރައްޔިތުންގެ ހައްޤެއްގެ ގޮތުގައި" މިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!