ވެންޓިލޭޓަރު މައްސަލައިގައި ހެލްތު މިނިސްޓްރީގެ ދެ ނައިބުން ވަކިކޮށްފި

ވެންޓިލޭޓަރު ހިޔާނާތާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދު މަގާމުން ވަކިކޮށްފިއެވެ.
ނިޝާމާ އާއި ޝިޔާމާ ސަސްޕެންޑް ކޮށްފައި ވަނީ ކޮވިޑު-19ގެ ބަލިމަޑުކަމުގެ ތެރޭގައި ހެލްތު މިނިސްޓްރީގެ ބެލުމުގެ ދަށުން ރާއްޖެއަށް ވެންޓިލޭޓަރު ގެނައުމުގައި ހިޔާނާތާއި، އަމިއްލަ މަންފާއަށް މަސައްކަތް ކުރިކަމުގެ ތުހުމަތުގައެވެ. އެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް ކުރެވޭ މިނިސްޓަރ އަބްދުﷲ އަމީން ވެސް ވަނީ ހެލްތް މިނިސްޓަރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
ނިޝާމާ ހިމެނޭ ގޮތުން ބިޑް ކޮމިޓީގެ ހަތަރު މެންބަރުންގެ މައްޗަށް ދައުވާ ކުރަން ފޮނުވީ މާލިއްޔަތު ގަވާއިދުގައި ބުނާ ގޮތަށް ޑިއުޑިލިޖެންސާއި ޓެކްނިކަލް އިވެލުއުއޭޝަން ހެދުމެއް ނެތި ވެންޓިލޭޓަރުތައް ގަންނަން ބަޔަކާ ހަވާލުކުރަން ނިންމައިފައިވާތީއެވެ. ވެންޓިލޭޓަރު ގަންނަން ހަވާލުކޮށްފައި ވަނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާއެވެ.
އެ މައްސަލަ އަލުން ރިވިއުކޮށް މިއަދު އެ އެއްބަސްވުން ބާތިލްކުރަން ސަރުކާރުން ވަނީ ނޯޓިސް ފޮނުވައިފައެވެ. އަދި ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ސަރުކާރަށް ނުދައްކައިފި ނަމަ އެ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.