ކާފިއު ވަގުތުގައި ވެސް ފައިމަގުގައި ދަމުނަމާދަށް ދެވޭނެ

ކާފިއުގެ ވަގުތުގައި ވެސް ދަމު ނަމާދަށް ފައި މަގުގައި ދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަ ކޮށްފިއެވެ.
ދާދި ދެންމެއަކު އިސްލާމިކް މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ފައިމަގުގައި ދަމުނަމާދަށް ދިއުމުގެ ފުރުސަތު ފަހިވެފައިވާ ވާހަކަ ދަންނަވާ ކަމަށެވެ.
ކޮވިޑް-19އާ ގުޅިގެން އެޗްޕީއޭއިން ވަނީ ބަލި ފެތުރުން ހުއްޓުވުމަށް ޓަކައި ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން އެޗްޕީއޭއިން ރޭ ކުރި ޓްވީޓެއްގައި ބުނެފައި ވަނީ "ކޮވިޑް-19 ގެ ހާލަތުން ރައްކާތެރިވުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިން، 6 މެއި 2021 ގައި މާލެ ސަރަޙައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް ކާފިއު ހިންގުމަށް ނިންމައިފައިވާ" ކަމަށެވެ.
މިއީ ރަމަޟާން މަހުގެ ފަހު ދިހަ ކަމަށްވާތީ މިސްކިތްތަކަށް ނަމާދަށް ދިއުމަށް ހުރަސް އެޅުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ބުނެ ގިނަ ބަޔަކު އިއްޔެ ، މީސްމީޑިއާގައި ވަނީ ނުރުހުން ފާޅު ކޮށްފައެވެ.
މިހާރު ވެސް ކޮވިޑް-19 ރައްކާތެރިކަމުގެ ފިޔަވަޅެއްގެގޮތުން މާލޭ ސަރަހައްދުގެ މިސްކިތްތަކުގައި ޖަމާޢަތް ހަދަމުން ދަނީ ގައިދުރުކޮށެވެ.