ކޮވިޑް-19: ފުވައްމުލަކުން އިތުރު އަށް މީހަކު ފައްސިވެއްޖެ

ޏ. ފުވައްމުލަކު ސިޓީން އިތުރު އަށް މީހަކު ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ފުވައްމުލަކުން ފައްސިވީ މިއަދަދާ އެކު މިހާރު އެ ރަށުން ފައްސިވީ އަދަދު މި ވަނީ 12 އަށް އަރާފައެވެ.
ކޮވިޑް-19 އަށް ފައްސިވެފައިވާ މީހަކާ ދިމާވެފައިވުމުގެ ސަބަބުން އެ މަޢުލޫމާތު ހިއްޞާ ކުރެއްވުމަށް 7252363 ނަންބަރަށް ގުޅުއްވުމަށް ފުވައްމުލަކު ހޮސްޕިޓަލުން ވަނީ އެދިފައެވެ. އަދި ސާމްޕަލް ނެގުމަށް ޙަރަކާތްތެރިވާ RRT އާ ގުޅުންހުރި ކަންކަމަށް 9988232 ނަންބަރަށް ގުޅުއްވުމަށް ވެސް އެ ހޮސްޕިޓަލުން ވަނީ އެދިފައެވެ.
ފުވައްމުލަކު ކައުންސިލު މެމްބަރ ޙަމަދު ޢަބްދުﷲ "ދެން" އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އަލާމާތްތައް ހުރެގެން ފްލޫ ކްލިނިކަށް ދެއްކި ދެ މީހަކު ކޮވިޑް-19 އަށް ފައްސިވެގެން އެ ސިޓީ މޮނީޓަރިންގަށް ލައިފައިވާ ކަމަށާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
އަތޮޅު ތެރޭގައި ވެސް މިހާރު ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުންދެއެވެ. އެގޮތުން މިހާރު 30 ރަށެއް ވަނީ މޮނީޓަރިންގަށް ލައިފައި ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ބުނެފައެވެ.