މާސްކް ނޭޅުމާއި މަނާ ގަޑީގައި ބޭރުގައި އުޅެގެން 267 މީހުން ޖޫރިމަނާކޮށްފި
މާސްކް ނާޅައި މަގުމަތީގައި އުޅުމާއި ކާފިއު ގަޑިތަކުގައި މަގުމަތީގައި އުޅެގެން މިހާތަނަށް 267 މީހުން ޖޫރިމަނާކޮށްފިއެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ، ވޭތުވެދިަޔ 24 ގަޑިއިރު ތެރޭގައި މާސްކް ނާޅައިގެން 141 މީހަކު ޖޫރިމަނާ ކޮށްފައިވާކަމަށެވެ. އަދި ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅުނު 116 މީހަކާއި މަނާ ވަގުތުތަކުގައި ދުއްވައިގެން 10 ވެހިކަލެއް ވަނީ ޖޫރިމަނާކޮށްފައެވެ. މާސްކް ނޭޅުމާއި ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅޭނަމަ 1000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ.
ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެ، ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރެވެ. އެހެންކަމުން އަދަދުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ރައީސް އޮފީހާއި އެޗްޕީއޭ ގުޅިގެން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި މި މަހުގެ 5 އިން 15 ގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް މަސައްކަތްތައް ނިންމުމަށް ބަދަލު ކުރުމާއި، ސްކޫލްތަކުގެ ކިޔެވުން ވެސް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލު ކުރުމުގެ އިތުރުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ރަށްރަށަށް ދަތުރު ކުރެވޭ ގޮތަށް ދިން ލުއި މި މުއްދަތުގެ ތެރޭގައި މެދުކަނޑާލުން އަދި މިސްކިތްތަކުގައި ގައިދުރުކަން ބެހެއްޓުމާއި މާސްކު އަޅައިގެން ނަމާދު ކުރުން ހިމެނެއެވެ.
މީގެ އިތުރުން މިމަހުގެ ހަވަނަ ދުވަހުން ފެށިގެން ރޭގަނޑު 9:00 އިން ފަތިހު 4:00 އަށް މާލޭގައި ކާފިއު ހިންގާ މެންދަމު 12:00ން ފެށިގެން ފަތިހު 4:00 އަށް ވެހިކަލް ދުއްވުން ވަނީ މަނާކޮށްފައެވެ.