ކޮވިޑް-19: އެކްޓިވް ކޭސްތަކުގެ އަދަދު 11،600 ވުރެ މައްޗަށް، 8،963 ދިވެހިން
ކޮވިޑް-19ގެ އެކްޓިވް ކޭސްތަކުގެ އަދަދު 11،600 ވުރެ މައްޗަށް ހިނގައްޖެއެވެ.
އެޗްޕީއޭގެ ތަފާސް ހިސާބު ދައްކާ ގޮތުން އެކްޓިވް ކޭސްތަކުގެ އަދަދު 11،629 ގައި އުޅޭ އިރު މީގެ ތެރެއިން 8،963 މީހުންނަކީ ދިވެހިންނެވެ. މިހާތަނަށް 26،795 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.
ރާއްޖޭގައި އަނެއްކާ ވެސް ކޮވިޑް-19 ގެ ހާލަތު ވަނީ ގޯސްވެފައެވެ. އަދި ފައްސިވާ އަދަދުތައް ވަރަށް ބޮޑަށް އިތުރުވެފައެވެ. އިއްޔެގެ ނަތީޖާއަށް ބަލާއިރު 1،229 މީހުން ފައްސިވެފައި ވަނީ މާލެ ސަރަޙައްދުންނެވެ. އަދި އަތޮޅުތެރެއިން 265 މީހުން ފައްސި ވެފައިވާ ކަމަށާއި ހިންގަމުން އަންނަ ރިސޯޓުތަކުން ހަތް މީހުން ފައްސިވެފައިވާ ކަމަށް ވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
މިހާރު ރާއްޖެއިން މިބައްޔަށް ޖުމްލަ 38,520 މީހުން ފައްސި ވެފައިވެއެވެ.
ރާއްޖެއިން މިހާރު ކޮވިޑް ބަލިން ފަސޭހަ ވެފައި ވަނީ ޖުމްލަ 26،795 މީހުންނެވެ. އަދި މިހައިތަނަށް މިބަލީގައި ރާއްޖެއިން 87 މީހުން ނިޔާވެފައިވެއެވެ. ހޮސްޕިޓަލުތަކުގައި މިހާރު ފަރުވާ ހޯދަމުން ދަނީ 247 މީހުންނެވެ.
ކޮވިޑަށް ފައްސިވާ މީހުން އިންތިހާއަށް ގިނަވެފައިވާއިރު އަދަދުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ރައީސް އޮފީހާއި އެޗްޕީއޭ ގުޅިގެން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.
އަދަދުތައް ކޮންޓްރޯލް ކުރުމުގެ ގޮތުން ރައީސް އޮފީހާއި އެޗްޕީއޭ ގުޅިގެން ވަނީ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފައެވެ.
އެ ފިޔަވަޅުތަކުގެ ތެރޭގައި މި މަހުގެ 5 އިން 15 ގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުކޮށް އޮންލައިންކޮށް މަސައްކަތްތައް ނިންމުމަށް ބަދަލު ކުރުމާއި، ސްކޫލްތަކުގެ ކިޔެވުން ވެސް އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ބަދަލު ކުރުމުގެ އިތުރުން، ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރުމުން ރަށްރަށަށް ދަތުރު ކުރެވޭ ގޮތަށް ދިން ލުއި މި މުއްދަތުގެ ތެރޭގައި މެދުކަނޑާލުން އަދި މިސްކިތްތަކުގައި ގައިދުރުކަން ބެހެއްޓުމާއި މާސްކު އަޅައިގެން ނަމާދު ކުރުން ހިމެނެއެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން މާލެ ސަރަޙައްދުގައި މި މަހުގެ 12 އިން 18 އަށް، ހަވީރު 4:00 އިން ފަތިހު 4:00 އަށް ވަނީ ކާފިއު ގަޑި ވެސް އިއުލާނު ކޮށްފައެވެ. އޭގެ އިތުރުން މި މުއްދަތުގައި މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން ހުއްޓައިލުމަށް ވެސް އަންގައިފައިވެއެވެ.