އުޞޫލުތަކާ ޚިލާފުވި 350 އަށްވުރެ ގިނަ މީހުން މިއަދު ވެސް ޖޫރިމަނާކޮށްފި
ކޯވިޑް-19އާ ގުޅިގެން އަޅައިފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވި 350އަށް ވުރެ ގިނަ މީހުން މިއަދުވެސް ޖޫރިމަނާކޮށްފިއެވެ.
ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ)އިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރައްކާތެރިކަމުގެ ފިޔަވަޅުތަކާ ޚިލާފުވި 3 ތަނެއް ވެސް މިއަދު ޖޫރިމަނާ ކޮށްފައި ވާކަމަށެވެ.
މީގެ އިތުރުން މަބްރޫކް ވިދާޅުވީ މާސްކް ނާޅައި އުޅުނު 135 މީހަކާއި ކާފިއުގެ ވަގުތުތަކުގައި ބޭރުގައި އުޅުނު 217 މީހަކު ވެސް މިއަދު ޖޫރިމަނާ ކޮށްފައި ވާކަމަށެވެ.
މާލެ ސަރަޙައްދުގެ ކާފިއު ވަގުތަކީ ހަވީރު 4:00 އިން ފަތިހު 4:00 އަށެވެ. ކޮވިޑްގެ ހާލަތާ ގުޅިގެން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ވެސް، ބޭރަށް ނުކުމެ އުޅޭއިރު މާސްކު އަޅައިގެން ނުކުތުމަށް އެޗްޕީއޭއިން ވަނީ އަންގައިފައެވެ. އެހެން ނަމަވެސް މާސްކު ނާޅާ އުޅޭ މީހުން ކޮންމެ ދުވަހަކު ވސް ފާހަގަވާކަމަށް ފުލުހުން ބުނެއެވެ.
މާލޭގައި އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މާލޭގެ ކާބޯތަކެތި ވިއްކާތަންތަނާއި ރެސްޓޯރެންޓުތައް ބަންދުކުރުމުގެ އިތުރުން މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލުން ވެސް ހިމެނެއެވެ. އެގޮތުން މި މަހުގެ 25 ގެ ނިޔަލަށް މި ފިޔަވަޅުތައް ދަންމާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ވަނީ ނިންމައިފައެވެ.