ޚަބަރު

އޮކްސިޖަންގެ ދަތިކަމެއް މިވަގުތު ރާއްޖެއަކަށް ނެތް: އެޗްއީއޯސީ

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ކޮވިޑަށް ފަރުވާދޭ ފެސިލިޓީތަކުގައި އޮކްސިޖަންގެ ދަތިކަމެއް ނެތް ކަމަށާއި ފަރުވާ ދޭ ވަރަށް އޮކްސިޖަން އެބަހުރި ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.

Ads by MWSC

އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައީސް އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކު އަޒީޒް ވިދާޅުވީ، ރާއްޖޭގެ ކޮވިޑަށް ފަރުވާދޭ ހުރިހާ މަރުކަޒުތަކެއްގައި ވެސް އޮކްސިޖަންގެ ޖަންބޯ ސިލިންޑަރުގެ 240 ސިލިންޑަރު ފުރާ އޮކްސިޖަން ހުންނާނެ ކަމަށެވެ.

މަބްރޫކް އިތުރަށް ވިދާޅުވީ، ސްޓޮކްގައި މިވަގުތު ވެސް 2،402 ޖަމްބޯ ސިލިންޑަރު ފުރާ އޮކްސިޖަން އެބަހުރިކަމަށާއި، ކޮވިޑަށް ފަރުވާދިނުމަށް ރާއްޖޭގައި ޤާއިމުކޮށްފައިވާ ހުރިހާ ކޯވިޑް ފެސިލިޓީއެއްގައި 240 ޖަމްބޯ ސިލިންޑަރު ހުންނާނެ ކަމަށެވެ.މީގެ އިތުރުން ތަންތަނުގައި ބެހެއްޓިފައި ހުރި ސިލިންޑަރުތަކާއެކު ޖުމްލަ 2،960 ސިލިންޑަރުގެ އޮކްސިޖަން މިވަގުތު ރާއްޖޭގައި އެބަހުރި ކަމަށް މަބްރޫކު ފާހަގަ ކުރެއްވިއެވެ.

އޮކްސިޖަން އުފެއްދުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން ސަރުކާރުން ވަނީ އެކި ސަރަހައްދުތަކުގައި އޮކްސިޖަން ޕްލާންޓްތައް ވެސް ޤާއިމުކޮށްފައެވެ. އެގޮތުން އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ އޮކްސިޖަން ޕްލާންޓުން ދުވާލަކު 48 ޖަމްބޯ ސިލިންޑަރު އުފެއްދޭއިރު، ކުޅުދުއްފުށި ސިޓީގައި ޤާއިމުކޮށްފައިވާ އޮކްސިޖަން ޕްލާންޓުން ދުވާލަކު 20 ޖަމްބޯ ސިލިންޑަރ އުފެއްދުމުގެ ޤާބިލުކަން ހުންނާނެކަމަށް މަބްރޫކް ވިދާޅުވިއެވެ. އަދި މޯލްޑިވް ގޭހުގެ 3 ޕްލާންޓުން ދުވާލަކު 240 ޖަމްބޯ ސިލިންޑަރު ފުރުމުގެ ޤާބިލުކަން ލިބިފައިވާ ކަމަށާއި، އައި.ޖީ.އެމް.އެޗުގައި ވެސް ޕްލާންޓެއް އޮޕަރޭޓްކުރަމުން ދާކަން ވެސް މަބްރޫކް ފާހަގަ ކުރެއްވިއެވެ.

ފަހަކަށް އައިސް ރާއްޖޭން ކޮވިޑަށް ފައްސިވާ މީހުންގެ އަދަދު އަންނަނީ އެތައް ގުނައަކަށް އިތުރު ވަމުންނެވެ. އެހެންކަމުން މި މަހު 12 ވަނަ ދުވަހު އެޗްޕީއޭއިން އެޅި ފިޔަވަޅުތައް މި މަހުގެ 25 ވަނަ ދުވަހަށް ވަނީ ދިގު ދަންމައިލައިފައެވެ. އަދި ކެފޭ ރެސްޓޯރެންޓުތަކާއި، ޕާކު އަދި ފިހާރަތައް ވެސް ވަގުތީ ގޮތުން ވަނީ ބަންދު ކުރެވިފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!