ލ. ގަން، ފުވައްމުލައް، އަދި އައްޑޫސިޓީގެ ކާފިއު ވަގުތު އިތުރުކޮށްފި
ލ. ގަން، ފުވައްމުލައް، އަދި އައްޑޫސިޓީ ކާފިއު ވަގުތު ހަވީރު 4 އިން ފަތިހު 4 އަށް ހަމަޖައްސައި ކާފިއުގެ ވަގުތު އިތުރުކޮށްފިއެވެ.
ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ ނެރެފައިވާ އެންގުމުގައި ވިދާޅުވެފައި ވަނީ މިއަދުން ފެށިގެން މި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އައްޑޫސިޓީ އާއި ފުވައްމުލަކު ސިޓީ އަދި ލ. ގަމުގައި ހަވީރު 4:00 އިން ފަތިހު 4:00 އަށް، ހަމަޖައްސައިފައި ވާކަމަށެވެ.
މީގެ ކުރީން ފުވައްމުލަކާއި އައްޑޫގައި ކާފިއު އޮންނަނީ އިރުއޮއްސި 6 އިން ފަތިހު ހަތަރަކަށެވެ. ލ.ގަމުގައި އޮންނަނީ ރޭގަނޑު 9 އިން ފަތިހު 4 އަށެވެ.
ކާފިއު ވަގުތުގައި އެއްގަމު އުޅަނދުފަހަރު ދުއްވުމާއި މަގުމައްޗާއި އާންމު ތަންތަނަށް މީހުން ނުކުތުން ވާނެއެވެ. އަދި އަންނަނިވި ފިޔަވަޅުތައް އެޅޭނެއެވެ.
▪︎ ޕާޓީތަކާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުން
▪︎ އައްޑޫ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުން ހުއްޓައިލުން
▪︎ އެއް ގެއިން އަނެއް ގެއަށް ޒިޔާރަތް ކުރުންވެސް މި މުއްދަތުގައި ހުއްޓައިލުން
▪︎ ފުވައްމުލައް ސިޓީ އާއި ލ. ގަމުގައި ވެސް އެއް އަވަށުން އަނެއް އަވަށަށް ދަތުރުކުރުން ހުއްޓައިލުން
▪︎ އެއްފަހަރާ ތިން މީހުންނަށްވުރެ ގިނަމީހުން މަގުމައްޗާއި އާންމު ތަންތާނގައި އެއްވެއުޅުން ހުއްޓައިލުން
▪︎ ސެލޫންތަކާއި ޖިމްތާކާއި ބޯކޮށާ ތަންތަން ބަންދުކުރުން
▪︎ ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުގެ ހަރަކާތްތައް ހިންގުން ހުއްޓައިލުން
▪︎ ޓެކްސީގެ ހިދުމަތް ދޭ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ޓެކްސީގެ ހިދުމަތް ދިނުން
▪︎ ފިރާތަކުން ހިދުމަތް ދޭއިރު ހެލްތު ޕްރޮޓެކްޝަން އެޖެންސީން އާންމުކޮށްފައިވާ ގައިޑްލައިނާ އެއްގޮތަށް ފިހާރަތަކުގެ ހިދުމަތް ދިނުން
▪︎ ޔުނިވާސިޓީތަކާއި ކޮލެޖްތަކަށް ދަރިވަރުން ހާޒިރުވެގެން ކުލާސްތައް ކުރިޔަށް ގެންދިޔުން ހުއްޓައިލުން
▪︎ ހޮޓާތަކާއި ކެފޭތަކާއި ރެސްޓޯރަންޓުތަކާއި ކާބޯތަކެތީގެ ހިދުމަތް ދޭ އެހެނިހެން ތަންތަނުން ހަަމައެކަނި ޑެލިވަރީގެ ހިދުމަތް ދިނުން
ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑް-19 އަށް ފައްސިވަމުން އަންނަ އަދަދުތައް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިއަދު ވެސް އިތުރު 1،187 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސި ވެފައިވެއެވެ.