"ބްލެކް ފަންގަސް" ރާއްޖޭގައި އުޅޭކަން އަދި ޔަގީނެއް ނޫން، ޝައްކު ކުރެވޭ މީހަކު އެބަހުރި: އެޗްއީއޯސީ
މިއުކޯމައިކޯސިސް ނުވަތަ "ބްލެކް ފަންގަސް" ރާއްޖޭގައި އުޅޭކަން އަދި ޔަގީން ކުރެވިފައި ނުވާ ކަމަށާއި ނަމަވެސް އެ ބައްޔަށް ޝައްކު ކުރެވޭ މީހަކު ހުރި ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) އިން ވިދާޅުވެއްޖެއެވެ.
އެޗްއީއޯސީން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީމެޓްގެ ފަރާތުން ބައިވެރިވެ ވަޑައިގަންނަވާ ޑރ.އިބްރާހިމް ޝިހާމް ވިދާޅުވީ މިއުކޯމައިކޯސިސްކަން ޔަގީން ކުރެވޭ ގޮތްތަކެއް ހުންނަ ކަމަށާއި މިހައިތަނަށް ރާއްޖެއިން އެ ފަދަ ކޭހެއް ފެނިފައި ނުވާ ކަމަށެވެ.
ނަމަވެސް ޝައްކު ކުރެވޭ މީހަކު ފެނުމުން އޭނާގެ ސާމްޕަލް ނަގާ ޓެސްޓް ކުރަމުންދާ ކަމަށާއި އެކަން ޔަގީން ކުރެވޭނީ ނަތީޖާތައް ލިބުމުން ކަމަށް ވެސް ޑރ. ޝިހާމް ވިދާޅުވިއެވެ.
"ބްލެކް ފަންގަސް" ވައިރަހަކީ ނޭވާލާ ނިޒާމާއި ހަންގަނޑުންވަދެ ސައިނަސް، ފުއްޕާމެ އާއި ގޮހޮރު ފަދަ އެކި ގުނަވަންތަކުގައި ފެތުރި އެތަން ހަލާކުކޮށް އެހިސާބު މަރާލާ ބައްޔެކެވެ. އަދި އެ ވައިރަސް ފެތުރޭ ތަނެއް ނަގަން ވެސް ބައެއް ފަހަރު ޖެހެއެވެ. ހަކުރުބައްޔާއި ކެންސަރު އަދި ބޯންމެރޯ ހަދައިފައިވާ މީހުންނަށް މި ބަލިޖެހުން އަވަހެވެ. އަދި ސުޓެރޮއިޑްފަދަ ބޭހުން ދިފާއީ ނިޒާމު ދަށް ނަމަ މިބަލިޖެހުމަށް މަގުފަހިވާ ކަަމަށް ރިޕޯޓުތަކުން ބުނެއެވެ.
މިރޭގެ ބައްދަލުވުމުގައި ޑރ. ޝިހާމް އިތުރަށް ވިދާޅުވީ، މިއުކޯމައިކޯސިސް ނުވަތަ "ބްލެކް ފަންގަސް" ބައްޔަށް ދޭ ބޭސް ރާއްޖޭގައި ނެތްނަމަވެސް ބޭސް ނެތުމުން ކަންބޮޑުވުމެއް ނެތް ކަމަށެވެ.
"ބޭސް ނެތް ވާހަކަ ވެސް އެބަދެކެވޭ. އަޅުގަނޑުމެންނަށް ބައްޔަކަށް ސަސްޕެކްޓް ކުރެވޭ ހިސާބުން ބޭސް ހުރިތޯ ބަލާ މެކޭނިޒަމްތަކެއް ހުރޭ. ބޭސް ނެތިގެން މިވަގުތު ހަގީގަތުގައި ކަންބޮޑުވުމެއް ވެސް ނެތް." ޑރ. ޝިހާމް ވިދާޅުވިއެވެ.
ކަނޑައެޅިގެން މި ޖަރާސީމު ދެނެގަނެވޭނެ ގޮތެއް ރާއްޖޭގައި ނެތެވެ. އެހެން ނަމަވެސް އަލާމާތްތަކަށް ބަލައި ބޭސްހުރި ނަމަ ފަރުވާ ދެވޭނެ ކަމަށް ބައެއް ޑޮކްޓަރުން ވަނީ ވިދާޅުވެފައެވެ.
އަދިވެސް ރާއްޖެއަށް ކަރަކަރއިގެ މީހުން އެތެރެވުން ހުއްޓުވާ ބޯޑަރު ބަނދުކުރާކަށް ނުވޭތޯ.