ހުޅުމާލޭ ގެއަކުން މީހަކު ވެއްޓުނު ހާދިސާ: ފުރަތަމަ ވެއްޓުނީ 6 ވަނަ ބުރިން 3 ވަނަ ބުރިއަށް
މި މަހުގެ 20 ވަނަ ދުވަހު ހުޅުމާލޭގައި އިމާރާތެއްގެ މަތިން ވެއްޓުނު މީހާ އެންމެ ފުރަތަމަ ވެއްޓުނީ 6 ވަނަ ބުރިން 3 ވަނަ ބުރިއަށް ކަމަށް ފުލުހުން ބުނެފިއެވެ.
އެ ހާދިސާގައި ވެއްޓުނު މީހާއަށް ގިނަ ޒަހަމްތަކެއް ލިބިފައިވާއިރު ފުލުހުން ބުނީ އޭނާ ވެއްޓުމުގައި އިތުރު މީހެއްގެ ދައުރެއް އޮތް ކަމަށް ތަހުގީގަށް މިހާތަނަށް ފާހަގަކުރެވިފައި ނުވާކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ ތަހުގީގުގައި މިހާތަނަށް ކުރެވުނު މަސައްކަތުން ހާދިސާ ހިނގުމުގެ 10 މިނިޓު ހާއިރު ކުރިން 6 ބުރީގެ އިމާރާތަކަށް ވެއްޓުނު މީހާ އެކަނި ގޮސް ވަންނަ މަންޒަރު ސިސީޓީވީ ފޫޓޭޖުން ފެނިފައިވާކަމަށެވެ. އަދި އިތުރު ތަހުގީގަށް ފާހަގަކުރެވިފައިވާ ގޮތުގައި އޭނާ ވެއްޓިފައި ވަނީ 6 ބުރީގެ އިމާރާތުން ޖެހިގެން ހުރި 3 ބުރީގެ އިމާރާތުގެ ޓެރެސް މައްޗަށް ކަމަށާއި، ތިރިޔަށް ވެއްޓިފައި ވަނީ 3 ބުރީގެ އިމާރާތުން ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނެފައި ވެއެވެ.
ފުލުހުން އިތުރަށް މައުލޫމާތު ދެމުން ބުނީ އޭނާ އެ އިމާރަތަށް ވަނުމުގެ ކުރިން ހުޅުމާލޭ މަގުތަކުގައި އަޑުގަދަކޮށް އެކަނި ކޮޅުކޮޅަށް ދުވެ އުޅެފައިވާކަން ސީސީޓީވީ ފޫޓޭޖްއިންނާއި މަންޒަރު ދުށް މީހުންގެ ބަހުން ތަހުގީގަށް އެގިފައިވާކަމަށެވެ.
މިދިޔަ ހަފްތާގެ ތެރޭގައި މާލޭގެ އިމާރާތެއްގެ ފަސްވަނަ ބުރިން ވެސް މީހަކު ވަނީ ވެއްޓިފައެވެ. މައުލޫމާތު ލިބޭ ގޮތުގައި އޭނާ އޮތީ އައިސީޔޫގައެވެ. އޭނާ ވެއްޓެން ދިމާވި ސަބަބެއް އަދި މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރައްވައެވެ.