އަމީރު މުހައްމަދު ނޫރައްދީން އަވަހާރަވެއްޖެ
ރާއްޖޭގެ އެންމެ ފަހުން ކޮލި ލެވުނު ރަދުން އައްސުލްތާން ހަސަން ނޫރައްދީންގެ ދަރިކަލުން އަމީހުރ މުޙައްމަދު ނޫރައްދީން އަވަހާރަވެއްޖެއެވެ.
މުޙައްމަދު ނޫރައްދީނަކީ ރާއްޖޭގެ ރަދުންގެ ދަރިދަރިކަލުންގެ ތެރެއިން އެންމެ ފަހުން ދުނިޔޭގައި ހުންނެވި ބޭފުޅާއެވެ.
އެމަނިކުފާނު އަވަހާރަވީ އާލާސްކަންފުޅާ އުޅުއްވާތާ ގިނަ ދުވަސްތަކެއް ފަހުންނެވެ. އަވަހާރަވީ ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
1954 ވަނަ އަހަރުންފެށިގެން މެދުކެނޑުމެެއްނެތި 53 އަހަރު ދައުލަތަށް ހިދުމަތް ކުރެއްވެވި އަމީރު ނޫރަށްދީނަކީ ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިކަން 2011 ވަނަ އަހަރު ސަރުކާރުން އަރުވާފައިވާ ބޭފުޅެކެވެ.
ވުޒާރަތުއް ތިޖާރާ ވައްތަމްވީނުގެ ކާތިބުކަމުން ސަރުކާރުގެ ޚިދްމަތް ފެއްޓެވި ނޫރައްދީން ސަރުކާރުގެ ވަރަށް ގިނަ މަގާމުތައް އަދާކުރެއްވިއެވެ. އޭގެތެރޭގައި، ވުޒާރަތުލް އަވްގާފުގެ ސެކްރެޓަރީ ކަމާއި މަޙްކަމަތުލް ޚާރިޖިއްޔާގެ ސެކްރެޓަރީ ކަމާއި، މީޓިއޮޮރޮލޮޖިކަލް އޮފީހުގެ ވެރިޔާކަމާއި، މުނިސިޕަލްޓީގެ ރައީސްގެ ނައިބު ކަމާއި، މުނިސިޕަލް ކައުންސިލަށް ދާޚިލިއްޔާއިން ޢައްޔަންކުރި މެންބަރުކަމުގެ އިތުރުން ވެސް ވަޒީރުލް އައުޒަމްގެ އޮފީހުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް ޓްރޭޑް އެންޑް ޑިވެލޮޕްމަންޓުގެ ހާއްސަ ވަކީލު ކަމުގެ މަގާމާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ ވަކީލު ކަމުގެ މަގާމާއި، ޑިޕާޓްމަންޓް އޮފް ފިނޭންސްގެ ވަކީލު ކަމުގެ މަގާމާއި، ނައިބު ކަމުގެ މަގާމު ހިމެނެއެވެ. މި ވަޒީފާތަކުގެ އިތުރުން މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު ކަމުގެ މަގާމާއި، މިނިސްޓަ އޮފް އެޑިޔުކޭޝަންގެ ނައިބު ކަމުގެ މަގާމާއި، ޑެޕިއުޓީ މިނިސްޓަ އޮފް ސްޓޭޓް ފޮ ރިލިޖަސް އެފެއާޒް ކަމުގެ މަގާމު ވެސް އަދާ ކުރެއްވިއެވެ.
އަދި މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނ. އަތޮޅުގެ މެންބަރުކަމާއި، ދ. އަތޮޅުގެ މެންބަރުކަމާއި، ގއ. އަތޮޅުގެ މެންބަރުކަން ވެސް އެ މަނިކުފާނު އަދާ ކުރެއްވިއެވެ.