މެދުއިރުމަތި ދުނިޔެ

ޝަހީދުވެފައިވާ ދަރިފުޅުގެ މޫނުމަތީގައި ފިރުމަމުން ފަލަސްތީނުގެ މަޔަކު ދައްކާ ހިތްވަރު!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

އަސަރުން ފުރިގެންވާ، އަދި ހިތާމައިން ހިތް ފަޅައިގެންދާ ފަދަ މަންޒަރެކެވެ.

Ads by Sosun Fihaara

ފަލަސްތީނުގެ ޒުވާނަކު ދާންމަތީގައި ދެ ލޯ މަރާލައިގެން އެ އޮތީ، ފަނާވަނިވި މި ދުނިޔެއަށް ތާއަބަދަށް އަލްވަދާޢު ކިޔައިފައެވެ. އިސްރާއީލުގެ ޔަހޫދީ ނުބައި ސިފައިން ވަނީ، އެ ކުށެއް ނެތް ޒުވާނާ ޝަހީދު ކޮށްލައިފައެވެ.

އޭނާގެ ބޮލުކޮޅުގައި އެ ހުރީ އޭނާގެ މަންމައެވެ. ބަނޑުއަޅައި ވިހެއި ދަރިފުޅު މި ދުނިޔެއަށް އަލްވަދާއު ކިޔުމަކީ، މައިލަގޮނޑިއަށް ކެތްވާނެ ކަމެއް ހެއްޔެވެ؟ ނޫނެކެވެ.

ވީޑިއޯއިން ފެންނަ މައިމީހާ ވެސް ދެ ލޮލުން ކަރުނަ އަޅައި ރޮނީއެވެ. ދަރިފުޅަށް އެންމެ ފަހުގެ ވަދާއީ ސަލާމް ކުރަމުން ދިޔައިރު ކެތްތެރިވެވޭތޯ އެ މަންމަ ކުރަމުންދާ ހިތްވަރު ފެނެއެވެ. ބައެއް ފަހަރު ދަރިފުޅުގެ ބޯ ކައިރީގައި އޭނާ ވެސް ބޯ އަޅައެވެ. ރޮއެލާފައި އަނެއްކާ ވެސް ބޯ ހިއްލާލައިފައި، ޝަހީދުވެފައިވާ ދަރިފުޅުގެ މޫނުމަތީގައި ނުހަނު ލޯބިން ފިރުމަމުން ގެންދެއެވެ. އަދި އެ މަންމަ ދިޔައީ އޭނާގެ ދަރިފުޅަށް އާޔަތުލް ކުރްސި ކިޔައިދީ، ސޫރަތުލް ފާތިޙާއާއި އެހެން ސޫރަތްތައް ވެސް ކިޔައިދެމުންނެވެ.

ދަރިފުޅާ ވަކިވާން ޖެހުނު ކަމުގައި ވިޔަސް، އެ ދަރިފުޅުގެ ސަލާމަތަށް ޓަކައި އޭނާގެ މައިމީހާ އެދަނީ ކުރެވެން ހުރި ކަމެއް ކުރަމުންނެވެ. ވަދާއީ ސަލާމުގައި އެއްވެސް ކަމެއް އުންޏެއް ނުކުރެއެވެ. ހިތް ފަޅައިގެން ދާހާ ހިތްދަތިކަން ލިބިފައިވީ ނަމަވެސް، ނުހަނު ކެތްތެރިކަމާއެކު ހިތްވަރު ކޮށްފިއެވެ.

ވީޑިއޯ އިން ތިޔަ ފެންނަ، ޝަހީދު ކޮށްލާފައިވާ ޒުވާނާއަކީ ފަލަސްތީނުގެ އަޙްމަދު އަލް ފަޙްދެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އަޙްމަދު ޝަހީދު ކޮށްލާފައި ވަނީ ރޭގެ ވަގުތެއްގައެވެ.

އެއްވެސް ކުށެއް ނެތެވެ. އަލް-އަމްރީ ރެފިއުޖީ ކޭމްޕެއްގައި އޮއްވާ، އިސްރާއީލު އަންޑަ-ކަވަރ ސިފައިންގެ މީހަކު އަޙްމަދު ޝަހީދުކޮށްލީ، ފަލަސްތީނުގެ "ވޯންޓެޑް" މީހަކު ހޯދުމަށް ކަމަށް ބުނެ، އަޙުމަދަކީ އެ މީހާ ކަމަށް ހީކޮށެވެ.

ފުރާނައެއް ދުއްވައިލުމަށް ފަހު އިސްރާއިލުން ބުނީ އެއީ "އޮޅިގެން" ކުރެވުނު ކަމެއް ކަމަށެވެ. މިއީ ހަނގުރާމަ މެދުކަނޑައިލި އިސްރާއީލުން ހިނގަމުންދާ ލާއިންސާނީ އަމަލުތަކެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!