ޚަބަރު

މަތިވެރި ކޮވިޑް ހާލަތު އަންނަނީ ރަނގަޅުވަމުން: 299 ކޭހުން 06 ކޭހަށް ތިރި ވެއްޖެ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
މަތިވެރީގެ މަތިން ނަގާފައިވާ ފޮޓޯއެއް/ ފޮޓޯ:މީސްމީޑިއާ

ކޮވިޑް-19ގެ ގިނަ ކޭސްތަކެއް ފެނި ޖަމާޢަތީ ފެތުރުމަކަށް ދިޔަ މަތިވެރީގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް އެރަށު ކައުންސިލްގެ ރައީސް އަޙްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

Ads by STELCO

"ދެން"އާ ވާހަކަ ދައްކަވަމުން އަސްލަމް ވިދާޅުވީ ރަށުގެ ހާލަތު މިހާރު ވަރަށް ބޮޑުތަނުން ރަނގަޅު ކަމަށާއި ބަލި ކޮންޓްރޯލް ވަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު އެރަށުގައި އެކްޓިވް ކޭސްތަކުގެ އަދަދަކީ ހައެކެވެ. އަދި އެރަށުގައި ފައްސި ވެގެން ނުވަތަ ގާތުން އެއްތަންވެގެން ކަރަންޓީނު ކުރެވިފައި ވަނީ 12 ގެއެކެވެ.

ބަލި ކޮންޓްރޯލް ވަމުން އައިކަމުގައި ވީ ނަމަވެސް ބަލި މުޅީން ކޮންޓްރޯލް ނުވާތީ އެ ރަށް އަދިވެސް އޮތީ މޮނިޓަރިންގެ ހާލަތުގައެވެ. ރަށަށް އަރައިފޭބުން މަނާއިރު އެޗްޕީއޭއިން އިއުލާން ކޮށްފައިވާ ގޮތަށް ހަވީރު ހަތަރަކުން އޭގެ އަނެއް ދުވަހު ހެނދުނު އަށަކަށް އެރަށުގައި ވެސް ވަނީ ކާފިއު އިއުލާން ކުރެވިފައެވެ.

ހާހެއްހާ މީހުންގެ އާބާދީއެއް އޮންނަ މަތިވެރިން ޖުމުލަ 299 މީހަކު ކޮވިޑަށް ފައްސިވިއެވެ. އޭގެ ތެރެއިން އެކަކު ހާލު ބޮޑުވެގެން ފެސިލިޓީއަށް ގެންދިޔަ ނަމަވެސް އެމީހާގެ ހާލު ވެސް މިހާރު ރަނގަޅެވެ. އެރަށުން ބަލި ޖެހުނު 299 މީހުންގެ ތެރެއިން 293 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

ކައުންސިލްގެ ރައީސް އަސްލަމް ވިދާޅުވީ ކައުންސިލުން ރައްޔިތުންނާ ގުޅިގެން ކުރަމުން ގެންދާ މަސައްކަތުން ދާދި އަވަހަށް އާންމު ހާލަތަކަށް ރަށް އަންނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!