މާލެސިޓީގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުން މެދުކަނޑައިލައިފި
މާލެ ސިޓީގައި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމުގެ ހުއްދަ ދޫކުރުން މެދުކަނޑައިލައިފިއެވެ.
މާލޭ ސިޓީ ކައުންސިލުން ވިދާޅުވީ ކޯވިޑް-19އިން ރައްކާތެރިވުމަށް އަޅައިފައިވާ ޚާއްސަ ފިޔަވަޅުތަކާ ގުޅިގެން މާލޭ ސިޓީގައި ކޮންސްޓްރަކްޝަން އަދި އެހެނިހެން މަސައްކަތްތައް ކުރުމުގެ ހުއްދަ ދޫކުރުން އަންނަ މަހުގެ 9 ވަނަ ދުވަހުގެ ނިޔަލަށް މެދުކަނޑައިލާން ނިންމައިފައިވާ ކަމަށެވެ.
ނަމަވެސް މި މުއްދަތު ތެރޭގައި، ފައުންޑޭޝަން އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކާއި ކޮނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވާ ސައިޓްތައް އަދި ސްލެބް އެޅުމަށް ތައްޔާރުކޮށްފައިވާ ސައިޓްތަކުގެ އިންސްޕެކްޝަނެއް ހެދުމަށްފަހު ގެއްލުމެއް ލިބިދާނެ ފަދަ ހާލަތެއްގައިވާ ސައިޓެއްނަމަ އެ ސައިޓްތަކަށް ޚާއްސަ ހުއްދައެއް ދޫކުރުމަށް ނިންމާފައިވާކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
ރާއްޖޭގައި މިފަހަކަށް އައިސް ހަލުވިކަމާއެކު ކޮވިޑް-19 ފެތުރެމުން ދިޔުމާ ގުޅިގެން، އަދަދުތައް ކޮންޓްރޯލު ކުރުމަށް މިހާރު އަޅައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި މެއި 26އިން ފެށިގެން ދެ ހަފްތާގެ މުއްދަތަށް މާލެ ސަރަޙައްދުގެ ކާފިއު ގަޑި ހަވީރު 4:00 އިން ހެނދުނު 8:00 އާއި ހަމައަށް ވަނީ ދިގު ދަންމައިލައިފައެވެ. އަދި ކާފިއު ނޫން ވަގުތުތަކުގައި ވެސް ބޭރަށް ނުކުމެވޭނީ ފުލުހުން ދޫކުރާ ރެސިޑެންޝަލް ޕާމިޓެއް އޮވެގެންނެވެ. ކާފިއު ވަގުތު ނޫން ވަގުތުގައި ވެސް މާލެއާއި ހުޅުމާލެއާ ދެމެދު ދަތުރު ނުކުރެވޭ ގޮތަށް ވަނީ ކަނޑައަޅާފައެވެ.