ފޮނުވިތާ 2 އަހަރު ފަހުން އަގު އިޢުލާން އެ ކުރީ އަމާ ބުނީތީ ފަރަށް ދާ އުސޫލުން: މަލީހު

އިންޓަނެޓުގެ އަގުހެޔޮ ކުރަން ފޮނުވިތާ 2 އަހަރު ފަހުން އަގު އިޢުލާން އެ ކުރީ އަމާ ބުނީތީ ފަރަށްދާ އުސޫލުން ކަމަށް ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
މަލީހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮންމެ އޮޕަރޭޓަރެއް އޮފަރ ކޮށްފައި އޮތް ޕްލޭންތަކާއި ޕެޖޭކްތަކުގެ އަދަދުތައް މިނިސްޓަރު ޝައުނާ އަދި ދަސްކުރައްވަން ޖެހޭ ކަމަށެވެ. އަދި ކުންފުނިތަކުން އޮފަރ ކުރަނީ އެންމެ 3 ޕެކޭޖް ނޫން ކަމަށް ވިދާޅުވަމުން މަލީހު ވަނީ މިއީ ހައްގު މިންވަރުތޯ ސުވާލު އުފައްދަވައިފައެވެ.
"ދެން"އާ ވާހަކަ ދައްކަވަމުން މަލީހު ވިދާޅުވީ ހަމައެކަނި ހޯމް ބްރޯޑްބޭންޑުގެ ތިން ޕެކޭޖެއް އިއުލާން ކުރުމަކީ އަގުހެޔޮ ކުރުން ނޫން ކަމަށެވެ. އަަދި އެގޮތަށް އަގުހެޔޮ ކުރުމަކީ އަމާބުނީތީ ފަރަށް ދާ އުސޫލުން ކަން ކުރުން ކަމުގައި އޭނާ ފާހަގަ ކުރެއްވިއެވެ.
"އަގުހެޔޮ ކުރުމުގެ މާނަ އޮޅުވާ ނުލާށޭ. ވައުދުގައި އޮންނާނީ އިންޓަނެޓުގެ އަގުހެޔޮ ކުރުމުގެ ވާހަކަ، ވަކިވަކި ދެ ޕެކޭޖަކާ ގުޅޭ ވާހަކައެއް ނޫން. އޭގެ މާނައަކީ އެކްރޮސް ދި ބޯޑް ހުރިހާ ޕެކޭޖަކުން ކަނޑައެޅޭ ނިސްބަތެއް އަގުހެޔޮވާން ޖެހެޔޭ،" މަލީހު ވިދާޅުވިއެވެ.
އިންޓަނެޓުގެ ހެޔޮ އަގު އިއުލާން ކޮށްފައިވާއިރު ޕްރިޕެއިޓް ޑޭޓާ އެލަވަންސް، ޕޯސްޓްޕެއިޑް ހަޔަރ ޑޭޓާ އެލަވަންސް އަދި ބްރޯޑްބޭންޑް ޕެކޭޖުތަކުގައި ލިބޭ އެލަވަންސްއަށް އެންމެ މަދުވެގެން 20 އިންސައްތައިގެ އިތުރުވުމެއް އަންނާނެ ކަމުގައި ވެސް ސަރުކާރުން ވަނީ ހާމަ ކޮށްފައެވެ.ނެޓު ހެޔޮ އިވެންޓުގެ ނަމުގައި މިއަދު ސަރުކާރުން އިންޓަނެޓުގެ އަގުހެޔޮ ކުރުމަށް ބޭއްވި އިވެންޓުގައި ހާމަ ކުރި ގޮތުގައި މަ މޯބައިލް ޑާޓާގެ އަގުތަކަށް ބަދަލު އަންނާނީ އޮކްޓޯބަރު މަހުން ފަށައިގެންނެވެ.
މިހާރު ކުރިއަށްދާ ރަސްމިއްޔާތުގައި އިއުލާންކޮށްފައި ވަނީ އިންޓަނެޓްގެ އަގު ހެޔޮ ކުރުމަށް ހަމަޖެހިފައި ވަނީ ފޭސްތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ފުރަތަމަ ފޭސްގައި ފިކްސްޑް ބްރޯޑްބޭންޑްގެ އަގު ހެޔޮ ކުރުމަށް ފަހު މޯބައިލް ބްރޯޑްބޭންޑްގެ އަގު ހެޔޮ ކުރުމަށް ހަމަޖެހިފައި ވަނީ ދެވަނަ ފޭސްގައެވެ. އެގޮތުން ޖުލައި މަހު ފިކްސްޑް ބްރޯޑްބޭންޑުގެ އަގުހެޔޮ ކުރާއިރު މޯބައިލް ޑާޓާގެ އަގު ހެޔޮ ވާނީ އޮކްޓޯބަރު މަހުން ފަށައިގެންނެެވެ.





ކޮމެންޓް