ހުޅުމާލޭ ފެސިލިޓީގައި 12 ގަޑިއިރު މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދޭ: އެޗްއާރުސީއެމް
ހުޅުމާލޭ ފެސިލިޓީގައި 12 ގަޑިއިރު މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ހިޔުމަން ރައިޓްސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
މިމަހު 25 ވަނަ ދުވަހު ހުޅުމާލެ ފެސިލިޓީއަށް އެކޮމިޝަނުން ކުރި ޒިޔާރަތަށް ފަހު އާއްމު ކުރި ބަޔާނެއްގައި ވިދާޅުވީ ފެސިލިޓީގައި މަސައްކަތް ކުރުމަށް ފޮނުވައިފައި ތިބޭ މުއައްޒަފުންނަށް އެއްވެސް ބަންދެއް ނެތި 12 ގަޑި އިރު މަސައްކަތް ކުރުވާ ކަމަށާއި އަދި މިހާ ގިނައިރު މަސައްކަތް ކުރުވާއިރު މިމުވައްޒަފުންނަށް މުސާރަ ނުދިނުމުގެ މައްސަލަތަކެއް ފާހަގަ ވެފައިވާކަމަށެވެ.
އަދި މީގެ އިތުރުން އެ މުވައްޒަފުންނަށް ނަފްސާނީ ގޮތުން އެތައް ކަންތައް ތަކެއް ތަހައްމަލް ކުރަން ޖެހޭ ކަމަށާއި އެހެންނަަމަވެސް ނަފްސާނީ އެހީތެރިކަން ފޯރުކޮށް ނުދެވޭކަމަށްވެސް އެކޮމިޝަނުގެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވެއެވެ. އެހެންކަމުން އެ މުއައްޒަފުންނަށް ނަފްސާނީ އެހީތެރިކަން ދިނުމަށް އެކޮމިޝަނުން ބާރު އަޅާކަމަށް ވެސް އެބަޔާނުގަައި ވިދާޅުވެފައިވެއެވެ.
ހުޅުމާލެ ފެސިލިޓީއާ ބެހޭ ގޮތުން ގިނަ މައްސަލަތަކެއް ކޮންމެ ދުވަހަކުވެސް ސޯޝަލް މީޑިޔާގައި ވެސް ފާހަގަކުރަމުންދާ އިރު މިހާތަނަށް ކޮވިޑް ޖެހިގެން އެންމެ ގިނަމީހުން ނިޔާވީ ވެސް އެފެސިލިޓީން ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ. މީގެ އިތުރުން ވެސް ފެސިލިޓީއާ ގުޅުން ހުރި މައްސަލައެއް ތަހްގީގީ އިދާރާތަކުން ތަހްގީގް ކުރަމުން ދާކަން ވެސް ފާހަގަ ކޮށްލެވެއެވެެ.