ގޭގައި ތިބޭ ކޮވިޑްގެ ބަލިމީހުންނަށް ފަރުވާދިނުމަށް ޑޮކްޓަރުންނާއި ނަރުހުން ހޯދަނީ
ކޮވިޑް 19އަށް ފައްސިވެފައިވާ މީހުންގެ ތެރެއިން ފެސިލިޓީތަކަށް ނުގެންގޮސް ގޭގައި ތިބޭ ބަލި މީހުންނަށް ފަރުވާ ދޭނެ ޑޮކްޓަރުންނާއި ނަރުހުން ހޯދަން ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރުން އިއުލާނުކޮށްފިއެވެ.
އެސެންޓަރުން ކޮށްފައިވާ އިއުލާނެއްގައި ވިދާޅުވެފައި ވަނީ ކޮވިޑަށް ފައްސިވާ މީހުންގެ ތެރެއިން ގޭގައި ތިބޭ ބަލިމީހުންނާ ގާތުން އެއްތާވެގެން ކަރަންޓީން ކުރެވިފައިވާ މީހުންނަށް އޮންލައިން ކޮންސަލްޓޭޝަން ހަދައި، އެމީހުންނަށް ފަރުވާދިނުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް މެޑިކަލް އޮފިސަރުން ބޭނުންވާ ކަމަށެވެ.
އެޗްއީއޯސީން ވިދާޅުވާގޮތުގައި ގޭގައި ތިބޭ ބަލިމީހުން ބަލާ ޑޮކްޓަރުންނަށް މުސާރައިގެ ގޮތުގައި ގަޑިއަކު 88.50 ރުފިޔާ ދޭނެއެވެ. އަދި އެފަރާތްތަކުން މަސައްކަތް ކުރަން ޖެހޭނީ އެ ސެންޓަރުގައި ކަމަށާއި މިމަގާމުގެ ޝަރުތެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައިވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލްކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި މަދުވެގެން 1 އަހަރު ދުވަހުގެ އިންޓަރޝިޕް ފުރިހަމަކޮށްފައިވުން ކަމަށް ވެސް އެޗްއޯސީގެ އިއުލާންގައި ވެއެވެ.
އެ އިއުލާންގައި ވާ ގޮތުގައި މި މަގާމަށް ކުރިމަތި ލެވޭނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
މެޑިކަލް އޮފިސަރުންގެ އިތުރުން ކޮވިޑް ބަލީގައި ގޭގައި ތިބޭ ބަލިމީހުންނަށް ނާސިންގ ކެއާ ދިނުމަށް އެޗްއީއޯސީގައި ވަގުތީ ގޮތުން މަސައްކަތްކުރާނެ ރެޖިސްޓާޑް 10 ނަރުހުން ހޯދަން ވެސް އެ ސެންޓަރުން ވަނީ އިއުލާނު ކޮށްފައެވެ. މިފަރާތްތަކުން މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް 61.26 ރުފިޔާގެ މުސާރައެއް ދޭނެ ކަމަށް އިއުލާނުގައި ވެއެވެ. މިމަގާމުގެ ޝަރުތުގެ ގޮތުގައި ކަނޑައަޅާފައި ވަނީ ނަރސިންގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުމެވެ.
އެ މަގާމަށް އެދި ހުށަހަޅަންޖެހޭ ލިޔެކިއުންތަކާ އެކު ޖޫން ތިންވަނަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ފޯމު ހުށަހަޅަން އެޗްއޯއީސީގެ އިއުލާންގައި ވެއެވެ.