އައްޑޫން އިތުރު 5 މީހުން ފައްސިވެ،އަދަދު 155އަށް
އައްޑޫން އިތުރު 5 މީހުން ކޮވިޑް-19އަށް ފައްސިވެއްޖެއެވެ.
އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން އާންމު ކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު، ޖުމްލަ 145 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އަދި ހޮސްޕިޓަލުގައި 3 މީހަކަށް ފަރުވާ ދެމުން ދެއެވެ. މިއާ އެކު އައްޑޫ ސިޓީން މިހާތަނަށް ކޮވިޑަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު ވަނީ 302އަށް އަރައިފައެވެ.
އައްޑޫ ސިޓީން މިހާތަނަށް ޖުމްލަ 4،730 ސުންކު ވަނީ ނަގައިފައެވެ. އަދި ސީދާކޮށް އެއްތާވި މީހުންގެ ގޮތުގައި 517 މީހުން މިހައިތަނަށް ވަނީ ފާހަގަ ކުރެވިފައެވެ. އިއްޔެ އެ ސިޓީން ނެގުނު ސުންކުތަކުގެ އަދަދަކީ 198އެވެ.
އައްޑޫ ސިޓީގައި ކޮވިޑު-19 ފެތުރޭތީ ސިޓީ ކައުންސިލް ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅައިފައެވެ. މިގޮތުން ހަވީރު 4:00 އިން ފެށިގެން ފަތިހު 4:00އަށް ކާފިއު ހިންގަމުން ދާއިރު އެ ސިޓީގެ އެއް ރަށުން އަނެއް ރަށަށް ޒަރޫރީ ބޭނުމެއް ނެތި ދަތުރުކުރުން ވެސް ވަނީ މަނާކޮށްފައެވެ.
މީގެ އިތުރުން ޕާޓީތަކާއި، ޙަފްލާތަކާއި، ރަސްމިއްޔާތުތައް ބޭއްވުން ހުއްޓައިލުމަށް އަންގައި އެއްފަހަރާ ތިން މީހުންނަށް ވުރެ ގިނަމީހުން، މަގުމައްޗާއި އާންމު ތަންތާގައި އެއްވެއުޅުން ހުއްޓައިލުމާއި، ސެލޫންތަކާއި، ޖިމްތަކާއި، ބޯކޮށާ ތަންތަން ބަންދުކުރަން ވެސް ވަނީ އަންގައިފައެވެ.
ރާއްޖޭގައި މިފަހަކަށް އައިސް ކޮވިޑް-19އަށް ފައްސިވަމުން އަންނަ އަދަދުތައް ގިނަވަމުން ދިޔުމާ އެކު ފިޔަވަޅުތައް ވެސް ވަނީ އިތުރަށް ވަރުގަދަކޮށްފައެވެ. އެގޮތުން އިއްޔެ ވެސް އިތުރު 648 މީހުން ރާއްޖެއިން ކޮވިޑް-19 އަށް ފައްސި ވެފައިވެއެވެ.