ހަށި ވިއްކާ ނާސިގެތައް އޮންލައިން ޕްލެޓްފޯމްތަކަށް: ޒިންމާވާނެ ފަރާތެއް ނެތް؟

"1،000 ރުފިޔާ ދިނުމުން ކޮންމެ ކަމެއްވެސް ވާނެ. 500އަށް ވެސް ބައެއް މީހުން އުޅޭ"
މިއީ އަހަންނަށް ރައްޓެއްސަކު ފޯވާޑްކޮށްލި މެސެޖެކެވެ. ޓެލެގްރާމްއިން ފޮނުވައިލި މި މެސެޖުގެ މާނަ ދޭހަ ނުވުމުން މެސެޖް ފޯވާޑް ކުރި ގްރޫޕަށް ޖޮއިންކޮށްލީމެވެ. ސުބްޙާނަﷲ! އެއީ ދުނިޔޭގައި ލެއްވި އެންމެ ނުބައި ކަންތައް ޕްރޮމޯޓްކޮށް އެކަންތައް ކުރުމަށް މަގު ފަހި ކުރުވަމުން އަންނަ ގުރޫޕެކެވެ.
މުޖުތަމަޢު ތެރޭގައި އާންމުކޮށް ދެކެވޭ ވާހަކައަކީ ލޯބިިން ކަމަށް ބުނެ ކައިވެނިން ބޭރުން ދެމީހަކު، ﷲ ނަހީ ކުރެއްވި އެންމެ ބޮޑު ފާފަ ކަމުގައިވާ ޒިނޭއަށް އަރައިގަންނަ ވާހަކައެވެ. އެހެން ނަމަވެސް ހަށި ވިއްކަން އުޅޭ ކަސްބީ އަންހެނުންގެ ވާހަކަ ގިނަ ފަހަރަށް ދެކެވޭތަނެއް ދާނެއެވެ. އެމީހުންގެ އެ އަމަލުގެ ސަބަބުން މުޖުތަމަޢަށް ކުރާ ނޭދެވޭ އަސަރުގެ ވާހަކަވެސް ދެކެވޭތަނެއް ނުފެނެއެވެ. ފަހަރުގައި މިއީ އެންމެނަށް އެނގޭ ބޮޑު ސިއްރު ކަމަށް ވެދާނެއެވެ. އަދި އެވާހަކައެއް ދައްކަން ބޭނުން ނުވާ ވާހަކައެއް ކަމަށް ވެދާނެއެވެ. އެހެންމަވެސް 5،000އަށް ވުރެ ގިނަ މީހުން ތިބި މި ޓެލެގްރާމް ޗެނަލް ފެނުމުން، މިވާހަކަ ދައްކާ ނުލާ ހުންނަން ހަމަ ކެތްނުވިއެވެ.
ޓެލެގްރާމްގައި މި ހިންގަމުން އަންނަ ނާސިގެތައް އޮޕަރޭޓް ކުރާ ގޮތް ބަލައިލަން އަހަރެން ވެސް އެ ގްރޫޕްގެ އެޑްމިންއަށް މެސެޖެއް ކޮށްލީމެވެ. އެ މީހަކު އަހަންނަށް ދިނީ ދެ އޮޕްޝަނެކެވެ. "ރިއަލްތަ؟ ކޯލްތަ؟" ބޭނުންވަނީ ޒިނޭ ކުރަންތޯ ނުވަތަ ގުޅައިގެން ވާހަކަ ދައްކަންތޯ އޭނާ އެހިއެވެ. މިގޮތަށް ގުޅާ ގުޅުމަށް "ސެކްސް ކޯލް" އޭ ކިޔާ ކަމަށް ވެއެވެ. އަހަރެން "ރިއަލް"އޭ ބުމުން ދެން އެހީ، "ހާ ޕްލޭސް އޯ ޔުއަސް ޕްލޭސް"، ކަން ކުރާނީ އަހަރެންގެ ގޭގައި ތޯ ނުވަތަ އެ އަންހެނެއްގެ ގޭގައި ތޯއެވެ. އެހިސާބުން އަހަރެން ކުރިޔަށް ގެންދާކަށް ބޭނުމެއް ނުވިއެވެ. އެ މީހާގެ ވާހަކަތަކުން އަހަރެން ޔަޤީން ކުރަން ބޭނުންވި ވާހަކަ ޔަޤީން ކުރެވުނީމައެވެ.
ކީރިތި ޤުރުޢާނުގައި ﷲ ސުބްޙާނަޙޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ
(وَلَا تَقْرَبُوا الزِّنَىٰ ۖ إِنَّهُ كَانَ فَاحِشَةً وَسَاءَ سَبِيلًا) الإسراء 3
”އަދި ތިޔަބައިމީހުން ޒިނޭއާ ގާތްނުވާށެވެ! ހަމަކަށަވަރުން، އެއީ ހުތުރުކަން ބޮޑުވެގެންވާ ފާފައެއް ކަމުގައިވެއެވެ. އަދި މަގެއްގެ ގޮތުން އެކަންތައް ހާދަހާ ނުބައިވެގެންވެއެވެ.“
އެހެންކަމުން ޝަރީޢަތް ވަނީ ޒިނޭއަށް މަގުފަހިވާ ހުރިހާ ޒަރީޢާތަކާއި މަގުތަކާއި އެއަށް ވާޞިލުވާން އޮތް ގޮތްތައް މަނާކޮށްފައެވެ. ގުޅައިގެން ވިޔަސް، ވީޑިއޯކޮށްގެން ވިޔަސް އެކަމުގައި އިސްތިސްނާއެއްނެތެވެ. އެ އަރައިގަނެވެނީ ބޮޑު ފާފައަކަށެވެ. މިފަދަ މައްސަލަތައް ބަލައި، ހުއްޓުވުމަކީ ކަމާބެހޭ ފަރާތްތަކުގެ ޒިންމާއެކެވެ. އަދި މިފަދަ ފާފަތަކުން އަރައިގަންނަ ނަމަ ތިމާގެ ރަހްމަތްތެރިން އެކަމުން ރައްކާތެރި ކުރުމަކީ ވެސް ތިމާގެ ޒިންމާއެކެވެ.







ކޮމެންޓް