ކުޅުދުއްފުށީގައި މީހަކު ރަހީނުކޮށް ޒަހަމްކޮށްލި މައްސަލައިގައި ތިންވަނަ މީހަކު ހައްޔަރަށް!

ހދ. ކުޅުދުއްފުށީގައި މިދިޔަ މަހުގެ 29ވަނަ ދުވަހުގެ ރޭ މީހަކު ރަހީނުކޮށް ބޮޑެތި އަނިޔާތަކެއް ދީ ޒަހަމްކޮށްލި މައްސަލައިގައި ތުހުމަތުކުރެވޭ 3ވަނަ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 29 ވަނަ ދުވަހުގެ ރޭ ހދ. ކުޅުދުއްފުށީގައި ހިނގި ހާދިސާއާ ގުޅިގެން އިތުރު މީހަކު މިއަދު ހައްޔަރުކޮށްފައިވާ ކަމަށެވެ. ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ 19 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިމައްސަލައިގައި ކުރިން ހައްޔަރު ކޮށްފައިވާ 24 އަހަރާއި 25 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރު ކޮށްފައި ވަނީ ހޯމަ ދުވަހުގެ ރޭގައެވެ. އެ މީހުންގެ ބަންދަށް 15 ދުވަސް ވަނީ ޖަހައިފައެވެ.
ޒަހަމްކޮށްލި މީހާ އެރުވި ކަމަށް ބެލެވޭ ކާރު ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެންގޮސްފައެވެ.
ހދ. ކުޅުދުއްފުށީގައި ރަހީނުކޮށް އަނިޔާ ލިބުނު ކުޅުދުއްފުށި/ރަތްފުސްގެ، އަހްމަދު އިބްރާހީމް ބޮލަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަަމަށާއި ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް އާއިލާއިން ބުނެފައިވެއެވެ.
އަހްމަދު އިބްރާހީމްގެ ބައްޕަ އިބްރާހިމް ހުސައިން އޮންލައިން ނޫހަކަށް މައުލޫމާތު ދެމުން ބުނީ އޭޑީކޭ ހޮސްޕިޓަލުން އަހްމަދުގެ ބޮލުގެ އޮޕްރޭޝަނެއް ކޮށްފައިވާ ކަމަށާއި އެހެން ނަމަވެސް ސިކުނޑިއަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށެވެ.
އަހުމަދު ރަހީނުކޮށް އަނިޔާކުރީ ކޮން މައްސަލައެއްގައި ކަމެއް އަދި އޭނާއަށް އަނިޔާކުރީ ކޮން ބައެއްކަމެއް ވެސް އާއިލާއަށް ނޭނގޭ ކަމަށް އިބްރާހިމް ބުނެފައިވެއެވެ.