ޚަބަރު

ފައިނުން 2 މީހުން ފައްސިވެ، ރަށަށް އަރައި ފޭބުން މަނާކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރ.އަތޮޅު ފައިނުން ދެމީހަކު ކޮވިޑް-19އަށް ފައްސިވެ، އެ ރަށަށް އަރައި ފޭބުން މަނާކޮށްފިއެވެ.

Ads by STELCO

ފައިނު ކައުންސިލުން މަޢުލޫމާތު ދޭގޮތުގައި ފައްސިވެފައި ވަނީ ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓް ކުރި ދެމީހުންނެވެ. ފައްސިވި މީހާއާ އެއްތާވި މީހުން ހޯދުމުގެ މަސައްކަތް އެ ރަށު ސިއްހީ މަރުކަޒުން މިހާރު ވަނީ ފަށައިފައެވެ.

އެޗްޕީއޭއިން ފައިނު ކައުންސިލަށް ފޮނުވި ލިޔުމެއްގައި ބުނެފައިވާ ގޮތުގައި ކޮވިޑް-19އާ ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ޓަކައި އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން މިވަގުތު ފައިނަށް އަރައިފޭބުން ވަނީ މަނާކޮށްފައެވެ.

އެ ކައުންސިލުން ބުނީ ފައްސިވި 2 މީހުންނާއި ސީދާކޮށް އެއްތާވި މީހުން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރިޔަށްދާކަމަށާއި މިކަމާއި ގުޅޭ މައުލޫމާތު ދެއްވުމަށް 7515969، 7651974، 7902212 އަށް ގުޅައި މައުލޫމާތު ހިއްސާ ކުރެއްވުމަށެވެ.

މީގެ އިތުރުން ފައިނު ކައުންސިލުން ވަނީ ހުރިހާ ރައްޔިތުން ވެސް ކެތްތެރިވެ، ކޮންމެހެން ބޭރަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި މެނުވީ އެއްވެސް ބޭފުޅަކު ކެއިން ނުނުކުތުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުއްވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!