ޚަބަރު

ކުޅުދުއްފުށީގައި މާބަނޑު ދިވެއްސެއްގެ އޯވަރީން ދެކިލޯގެ ސިސްޓެއް ނަގައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލަށް ވިހަން ގެންދިޔަ އަންހެނެއްގެ އޯވަރީން 2.4 ކިލޯގެ ސިސްޓެއް ނަގައިފިއެވެ.

Ads by STELCO

“ދެން” އަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގެ ހެލްތު ސަރވިސް މެނޭޖަރު، އަހުމަދު ދާވޫދު ވިދާޅުވީ މި އަންހެން މީހާއަކީ ރ އަތޮޅުން އެ ހޮސްޕިޓަލަށް ދުވަސް ފުރައި ވިހަން ގެނައި މީހެއް ކަމަށެވެ.

ދާވޫދު ވިދާޅުވީ މި މީހާ ސްކޭން ކުރުމުން ވާތް ފަރާތު އޯވަރީގައި ބޮޑު ސިސްޓެއްް އިންކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި އެ ސިސްޓް ނެގުމަށް 2 ގަޑިއިރަށް ދެމިގެން ދިޔަ އޮޕަރޭޝަން ކޮށްފައިވަނީ އެ ހޮސްޕިޓަލުގައި މަސައްކަތް ކުރާ އަންހެނުންގެ ބަލިތަކާ ބެހޭ ހާއްސަ ޑޮކްޓަރު ލުތުފީ ބާޝާކަމަށް ދާވޫދު ވިދާޅުވިއެވެ.

މި އަންހެން މީހާގެ އޯވަރީން ނެގި ސިސްޓްގެ ދިގުމިނުގައި 24 ސެންޓި މީޓަރު އަދި ފުޅާމިނުގައި 20 ސެންޓި މީޓަރު ހުރިކަމަށާއި އަދި ބަރުދަނުގައި 2.4 ކިލޯ ހުރިކަމަށް ދާވޫދު ވިދާޅުވީއެވެ. އަދި މިއީ މާލެ ނޫން ރަށެއްގައި މި ފަދަ ބޮޑު އޮޕަރޭޝަނެއް ކުރެވުނު ފުރަތަމަ ފަހަރު ކަމަށް މަޢުލޫމާތު ލިބިފައި ވެއެވެ.

މީގެ އިތުރުން އެ މީހާއަށް 3 ޕޮއިންޓު ލޭ އަޅަން ޖެހުނު ކަމަށާއި ފަރުވާއަށް ފަހު މަންމައާއި ދަރިފުޅު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ދާވޫދު ވިދާޅުވިއެވެ. އަދި ދެ މައިންގެ ހާލު ރަނގަޅުކަމަށް ވެސް ދާވޫދު ވިދާޅުވިއެވެ.

Ads by HDC
  1. ނަޝޭ

    އަލްހަމްދުﷲ މަންމަ އެންޑް ބޭބީ ރަނގަޅުވީމަ