ދާންދޫގެ ހަރަކާތްތެރި ވޭދަނައިގެ އަދަދު 250އާ ގާތަށް
ގއ ދާންދޫއިން އިތުރު ބަޔަކު ކޮވިޑަށް ފައްސިވެ ހަރަކާތްތެރި ވޭދަނައިގެ އަދަދު 243އަށް އަރައިފިއެވެ.
ދާންދޫގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ ރަށުން ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 330އަށް އަރައިފައެވެ.
މިހާތަނަށް ޖުމްލަ 856 މީހެއްގެ ސުންކު އެ ރަށުން ވަނީ ނަގައިފައެވެ.
ކޮވިޑް ބަލީގައި އިއްޔެ ދާންދޫން މީހަކު ނިޔާވެފައި ވެސް ވެއެވެ.
ކޮވިޑްގެ ނުރައްކާތެރިކަން ރަށްރަށާ ހަމައަށް ފޯރައި 70އަށް ވުރެ ގިނަ ރަށް މިހާރު ވެސް އޮތީ މޮނިޓަރިންއަށް ލައިފައެވެ. އަދި މޮނިޓަރިންނަށް ލާފައިވާ ހުރިހާ ރަށެއްގައި ވަކި ވަގުތެއް ވަންދެން ކާފިއު ވެސް ވަނީ އިއުލާނުކޮށްފައެވެ.
ބަލި ފެތުރުން ކޮންޓްރޯލު ކުރުމަށްޓަކައި އެޗްޕީއޭއިން މިހާރު ވަނީ ކުރިން އެޅި ބައެއް ފިޔަވަޅުތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން މާލެ ސަރަޙައްދާއި އެކު އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ވެސް ހަވީރު 4:00އިން އަނެއް ދުވަހުގެ ހެނދުނު 8:00އަށް ވަނީ ކާފިއު އިއުލާނު ކޮށްފައެވެ.