ގައްދޫން އިތުރު 6 މީހުން ފައްސިވެ، ޖުމްލަ އަދަދު 48 އަށް
ގދ.ގައްދޫން އިތުރު 6 މީހުން ކޮވިޑް-19 އަށް ފައްސިވެއްޖެއެވެ.
ގައްދޫގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިހާތަނަށް ޖުމްލަ 48 މީހުން ކޮވިޑް-19އަށް ފައްސިވެފައި ވެއެވެ. މީގެ ތެރެއިން 8 މީހުން ބަލިން ފަސޭހަވެފައިވާއިރު، ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި ތިބީ 40 މީހުންނެވެ.
އެ ރަށުން ޖުމްލަ 1305 ސުންކު ނެގިފައިވެއެވެ. އަދި 1162 ގެއެއް ވަނީ ކަރަންޓީނު ކުރެވިފައެވެ.
އިއްޔެ އެރަށުން ފައްސިވީ 25 މީހުންނެވެ. މިއީ އެއް ދުވަހަކު އެ ރަށުން އެންމެ ގިނަ އަދަދަކަށް ފައްސިވީ އަދަދެވެ.
ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ ގދ.އަތޮޅުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއަދު ގދ. އަތޮޅުން އެންމެ ގިނަ ބަޔަކު ފައްސިވެފައި ވަނީ ގދ. ތިނަދޫއިންނެވެ. އެ ރަށުން 20 މީހަކު މިއަދު ކޮވިޑަށް ފައްސިވެފައިވެއެވެ. ދެން އެންމެ ގިނަ މީހުން ފައްސިވެފައިވަނީ ގައްދޫއިންނެވެ. އެރަށުން 6 މީހަކު ފައްސިވެފައިވެއެވެ.
އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި ގދ. އަތޮޅުގެ ހަރަކާތްތެރި ވޭދަނަތަކުގެ އަދަދު މިހާރު ވަނީ 176އަށް އަރައިފައެވެ. އަދި އެ އަތޮޅުން 200 މީހުން ބަލިން ފަސޭހަވެ، އެކަކު ވަނީ ކޮވިޑަށް ފަރުވާ ހޯދަމުން ދަނިކޮށް ނިޔާވެފައެވެ.