ރިޕޯޓް

ލާދީނީ މީހަކަށް ލާދީނީއޭ ކިޔެންވާނެ!

މުޙައްމަދު ސަނީޙް ، ދެން އޮންލައިން
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ -- ދެން އިމޭޖްސް/އިބްރާޙީމް ޝަމްވީލް

ލާދީނީއޭ ކިޔުން ހުއްޓުވުމުގެ ބިލެކެވެ. ދީނީ އެއްބައިވަންތަކަން އިތުރަށް ދަމަހައްޓައި، މީހުންނާ މެދު ނަފުރަތު އުފެދޭނެ ވާހަކަތައް ހުއްޓުވުމުގެ ބިލެކެވެ. އިސްލާމްދީނާ ދެކޮޅަށް ރާއްޖޭގައި ދައްކާ ވާހަކަތަކަށް ރައްދު ދިނުން ހުއްޓުވުމުގެ ބިލެކެވެ. މިއީ ސަރުކާރުގެ ފަރާތުން، ތުޅާދޫ ދާއިރާގެ މެންބަރު ޙިސާން ޙުސައިން ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 123 ވަނަ މާއްދާއަށް އަކުރެއް އިތުރުކުރަން ހުށަހެޅި ބިލާމެދު ދިވެހިންގެ ޚިޔާލުތައް ހުރި ގޮތެވެ. މި ބިލާމެދު ގިނަ ބައެއްގެ ކަންބޮޑުވުންތަކެއް ހުރިއިރު، އަނެއްބަޔަކު ބުނަމުންދަނީ މި ބިލަކީ މިވަގުތަށް ނުހަނު ބޭނުންތެރި ބިލެއް ކަމަށެވެ. ސަބަބެއްގެ ގޮތުގައި ދައްކަމުން އަންނަނީ ދީނީ ހަރުކަށި ޖަމާއަތަކުން ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއެވެ.

ކޮންމެއަކަސް ބިލުގެ މަޤްޞަދު އެއްފަރާތުގައި ބޭއްވުމަށް ފަހު، ބިލުގައިވާ އެއްޗެއް ތަފްސީލްކޮށްދެވޭތޯ ބަލައިލާނަމެވެ.

މި ބިލްގައި ޤާނޫނަށް އިތުރު ކުރަން އުޅޭ އަކުރުގެ ފުރަތަމަ ނަންބަރުގައި ބުނެފައި އޮންނަނީ، އާއްމު ތަނެއްގައި، ވަކި މީހަކީ އިސްލާމް ދީނާ ޚިލާފަށް އުޅޭ ނުވަތަ އިސްލާމް ދީނާ ދެކޮޅަށް މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަޤީދާ އާ ގުޅުވައިގެން މީހަކާ މެދު ނަފްރަތު އުފެއްދުމާއި އާއްމު ތަނެއްގައި، މުސްލިމަކު ކާފަރެއްގެ ގޮތުގައި ސިފަ ކުރުން، ނުވަތަ ސިފަ ކުުރުމުގައި ބައިވެރިވުމާއި އާއްމު ތަނެއްގައި މުސްލިމަކަށް ކާފަރެއްގެ ގޮތުގައި ތުހުމަތު ކުރުމަކީ ކުށެއް ކަމަށެެވެ. އަދި މި ކުށަކީ ޖިނަޙުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ. މާނައަކީ މިގޮތަށް ކަންތައް ކޮށްފިނަމަ އެމީހެއްގެ މައްޗަށް ޤާނޫނުލްއުޤޫބާތުގެ ދަށުން އެއް އަހަރު ދުވަހަށް ވުރެ ބޮޑު ނޫން އަދަބެއް ދެވޭނެއެވެ.

އަދި ދެވަނަ ނަންބަރުގައި ބުނެފައި އޮންނަނީ، އެ ފަދަ އަމަލެއް ހިންގުމާ އެކު މީހަކާ ދެކޮޅަށް އަނިޔާވެރިވުމަށް ގޮވާލުން ނުވަތަ އެފަދަ އަމަލަކަށް ހިތްވަރު ދިނުން، ނުވަތަ ބައިވެރިވުން އެއީ ކުށެއް ކަމަށެވެ. މިކުށަކީ ޖިނާއަތުގެ ފަސް ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވެސް ވަނީ ކަނޑައަޅައިފައެވެ. މާނައަކީ، އެފަދަ މީހަކަށް ކުށް ސާބިތުވެއްޖެނަމަ ގިނަ ވެެގެން ދެ އަހަރުގެ ހުކުމެއް އަންނާނެއެވެ.

މިނަންބަރުގެ ށ އަދި ނ ގައި ބުނެފައި ވަނީ މީހަކަށް އަނިޔާއެއް ދިނުން، ނުވަތަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އަނިޔާއެއް ދިނުމަށް ހިތްވަރު ދިނުމާއި މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުން ނުވަތަ އެފަަދަ އަނިޔާއެއް ދިނުމުގައި ބައިވެރިވުން ނުވަތަ އެކަން ރޭވުމަކީ ކުށެއް ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައެވެ. އެއީ ގިނަ ވެގެން ހަތަރު އަހަރުގެ ޖަލު ހުކުމެކެވެ.

މި ބިލްގެ ތިންވަނަ ނަންބަރުގައި ވަނީ، މީހެއްގެ ސިޔާސީ ފިކުރަށް ބަލައި، އެމީހަކަށް ޖިސްމާނީ އަނިޔާއެއް ދިނުމާއި ބައިވެރިވުމާއި ރޭވުން އެއީ ކުށެއް ކަމަށް ކަނޑައަޅައިފައެވެ. އަދި އެފަދަ އަމަލެއް ހިންގައިގެން މީހެއްގެ ފުރާނަ ގެއްލިއްޖެނަމަ އެއީ ޖިނާއަތުގެ އެއްވަނަ ދަރަޖައިގެ ކުށެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ. މާނައަކީ އެފަދަ ކުށެއް ސާބިތުވެއްޖެނަމަ އެ މީހަކަށް މަރުގެ އަދަބު ނޫނީ އުމުރަށް ޖަލަށް ލެވޭނެއެވެ. އަދި މިކުށް ކުރީ މީހަކު ރަހީނުކޮށްގެން، ޖިންސީ އަނިޔާއެއް ދީގެން ނުވަތަ މަރައިލާނެކަމުގެ އިންޒާރު ދީގެން ކަމުގައިވާނަމަ، އަދަބެއްގެ ގޮތުގައި 15 އަހަރުގެ ހުކުމެއް އަންނާއެވެ.

ދީނާ ދެކޮޅުވާ މީހުންނާ ދިމާލަށް ބަސް ނުބުނެވޭނެ؟

ސަރުކާރުން ހުށަހަޅާފައިވާ ބިލްގެ ނަފުރަތުގެ އަމަލު މާނަކޮށްފައި އޮތީ ވަރަށް ފުޅާ ކޮށެވެ. މިގޮތުން އެބިލުގެ ފުރަތަމަ ނަންބަރުގައި ބުނެފައިވާ ގޮތުން މީހަކާ ދިމާއަށް އޭނާއަކީ އިސްލާމް ދީނާ ޚިލާފަށް ނުވަތަ އިސްލާމް ދީނާ ދެކޮޅަށް އުޅޭ މީހެކޭ ބުނުމަކީ ކުށެކެވެ. މިގޮތަށް މި ބިލް ފާސްކޮށްފިނަމަ އިސްލާމްދީނާ ދެކޮޅަށް ފާޅުގައި އުޅޭ ބޭރުގެ ފަރާތްތަކާ ދިމާލަށް ވެސް އެމީހަކީ ދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހެކޭ ބުނެފިނަމަ އެއީ ކުށެއް ކަމަށް ކަނޑައެޅޭނެއެވެ. މިސާލަކަށް އެތައް މުސްލިމުންނަކަށް އަނިޔާކޮށް، އެތައް މުސްލިމުންގެ ލޭ އޮހޮރުވާލި އިސްރާއީލްގެ ބޮޑުވަޒީރު ބެއިޖަމިން ނަތަންޔާހޫއަކީ ދީނާ ދެކޮޅަށް މަސައްކަތް ކުރާ މީހެކޭ ބުނުމަކީ ކުށެއް ކަމަށް ވެގެންދާނެއެވެ.

މި ބިލުގައިވާ އެންމެ ފާހަގަ ކުރެވޭ އެއް ކަމަކީ ހަމައެކަނި މީހަކު ބުނި ބަހެއްގެ މައްޗަށް ބަލާ ކުށް ކަނޑައެޅުމެވެ. ބަސް ބުނި މަޤްސަދަކީ ކޮބައިކަން މި ޤާނޫންގެ ދަށުން ބަލާކަށް ކޮންމެހެން ލާޒިމެއް ނޫނެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް ނަފުރަތުގެ އަމަލު ކަނޑައެޅުމުގައި މަޤްސަދާއި މަފްހޫމަށް ބަލައެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމަކީ ކުށެއް

ޤާނޫނުލްއުޤޫބާތުގެ 617 ވަނަ މާއްދާގެ ދަށުން އިސްލާމްދީނަށް ތައުހީނުކުރުމުގެ ނިޔަތުގައި އިސްލާމްދީނަށް ފާޑުކިޔައި، ދީނީ ތަގްރީރު ކުރުމާއި ލިޔުންތައް ލިޔެ ޝާއިރު ކުރުމާއި އެފަދަ ލިޔުންތައް ގެންގުޅުމަކީ ކުށެކެވެ. އަދި ދީނީ އެއްބައިވަންތަކަން ނަގައިލަން މަސައްކަތް ކުރުމާއި މީހުންގެ މެދުގައި ދީނީގޮތުން ބައިބައިވުން އުފެދޭ ބާވަތުގެ ވާހަކަ ދެއްކުމަކީ ކުށެކެވެ. މިފަދަ ކަންތައް ތަކަކީ ޖުނަހުގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ. މާނައަކީ މިފަދަ ކަމެއް ކުރި މީހަކު 1 އަހަރު ދުވަހަށްވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށް ލެވޭނެއެވެ.

އެހެން ނަމަވެސް ގިނަ ބަޔަކު ކަންބޮޑުވާ އެއްކަމަކީ ފާޅުގައި ބަޔަކު މީސްމީޑިއާގައި ދީނަށް ފުރައްސާރަ ކުރަމުންދާއިރު، ގާނޫނުލްއުގޫބާތަށް 2015 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އަމަލު ކުރަމުން އަންނައިރު، މި ޤާނޫންގެ ދަށުން އެއްވެސް މީހަކަށް ފިޔަވަޅު އަޅާފައިނުވުމެވެ. ޚާއްސަކޮށް ރާއްޖޭގައި އިސްލާމީ ވެރިކަމެއް ކުރަމުން އަންނާތީ އެކަމާ ފާޑު ކިޔާ، ސެކިއުލާ ނިޒާމަކަށް ރާއްޖެ ގެންދަން ގޮވި އެމްޑީއެން ރިޕޯޓް ލިޔުނު ފަރާތްތަކަށް ފިޔަވަޅު އެޅިފައި ނުވުމަކީ ވެސް ގިނަ ބަޔަކު ކަންބޮޑުވާ ކަމެކެވެ.

އިސްލާމްދީނަށް ފާޑުކިޔުމަކީ ގާނޫނީ ކުށެއް ކަމަށް ކަނޑައެޅިފައި އޮތްއިރު، ލާދީނީ ޕްރޮޕެގެންޑާ މެޝިންތަކުގެ އަމަލުތައް ތަކުރާރު ވާނަމަ ހަމައެކަނި ނަސޭހަތްތެރިވުމަކުން ފުއްދައިލުމަކީ ހަމަޖެހޭ ގޮތެއް ކަމަށް ޤަބޫލެއް ނުކުރެވެއެވެ. ދީނުގައި އޮތީ ހެޔޮ ކަންތައްތައް އަމުރު ކުރުމާއި ނުބައި ކަންތައްތައް ނަހީ ކުރުމެވެ. މީހަކު ދީނަށް ފުރައްސާރަ ކުރާނަމަ އެމީހަކަަށް ނަސޭހަތް ދިނުމާއި ދެން ވެސް އަޅަން ޖެހޭ ފިޔަވަޅެއް ޖެހޭނީ އަޅާށެވެ. މާތް ﷲގެ ޒާތުފުޅަށާއި ރަސޫލާއަށް ފުރައްސާރަ ކުރާ މީހަކީ އިސްލާމް ދީނާ ދެކޮޅު މީހެކެވެ. މިކަމަށް ކުރެވޭނެ އިތުރު ބަހުސެއް ނެތެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!