ޚަބަރު

ކުޑަކުދިންނާ ގުޅުންހުރި 177 މައްސަލައެއް އޭޕްރީލް މަހު ހުށައެޅި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިދިޔަ އޭޕްރީލް މަހު ކުޑަކުދިންނާ ގުޅުން ހުރި 177 މައްސަލައެއް ހުށައެޅި އެޓެންޑްވެފައިވާ ކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ބުނެފިއެވެ.

Ads by MWSC

އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެ މިނިސްޓްރީއަށް އޭޕްރީލް މަހު ޖުމުލަ 177 މައްސަލައެއް ރިޕޯޓުކޮށްފައި ވެއެވެ. އޭގެ ތެރޭގައި ކުޑަކުދިންނަށް އިހުމާލުވުމުގެ 25 މައްސަލައަކާއި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 73 މައްސަލަ ހިމެނެއެވެ. މީގެ އިތުރުން، އިތުރުން ޖިންސީ ހާނިއްކައިގެ 13 މައްސަލަ، ގެވެށި އަނިޔާގެ ޢަމަލެއް ކުރާތަން ކުއްޖަކަށް ދެއްކުން ނުވަތަ ފެނުމުގެ 11 މައްސަލަ، ނަފްސާނީ ހާނިއްކައިގެ 10 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 9 މައްސަލަ، އެހެންކުދިންގެ ފަރާތުން ގަނާ ލިބުމުގެ އަދި ފުރައްސާރައިގެ ޝިކާރައަކަށްވުމުގެ 2 މައްސަލަ އަދި އެހެންކުދިންގެ ފަރާތުން އިންޓަރނެޓް މެދުވެރިކޮށް ގަނާ ލިބުމުގެ 1 މައްސަލަ އެމިނިސްޓްރީއަށް ހުށައަޅާފައިވެއެވެ.

ކުޑަކުދިންގެ އަޚުލާޤާ ގުޅުން ހުރި 17 މައްސަލަ އެޕްރީލް މަހު ހުށަހަޅާފައިވާއިރު މިފަދަ މައްސަލަތަކުގެ ތެރޭގައި ގަނާކުރުމުގެ 12 މައްސަލަ، ގެއިން ނުކުމެގެން ދިއުމުގެ 1 މައްސަލަ އަދި ސްކޫލަށް ދާން ބޭނުން ނުވުމުގެ 1 މައްސަލަ ހިމެނެއެވެ. ޙައްޤުތަކުން ކުޑަކުދިން މަޙްރޫމުކުރުމުގެ 7 މައްސަލަ އެޕްރީލް މަހު ވަނީ ރިޕޯޓުކޮށްފައެވެ. އެއީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ހުރަސްއެޅުމުގެ 4 މައްސަލައާއި ތަޢުލީމަށް ހުރަސްއެޅުމުގެ 3 މައްސަލައެވެ.

އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 8 މައްސަލަ އެޕްރީލް މަހު މިނިސްޓްރީއަށް ރިޕޯޓުކޮށްފައިވެއެވެ. އެޕްރީލް މަހު 3 ކުއްޖަކު ޢާއިލާއާ ރީއިންޓަރގްރޭޓް ކުރެވިފައިވާ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.

އަދި މީގެ އިތުރުން 1 ކުއްޖަކު ދަޢުލަތުގެ ބެލުމުގެ ދަށަށް ނެގިފައިވާއިރު 18 އަހަރު ފުރިފައިވާ 1 ކުއްޖަކު އެޕްރީލް މަހު ވަޒީފާގެ ފުރުޞަތާއެކު މުޖުތަމަޢުއަށް ދޫކުރެވިފައިވާކަމަށް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

އޭޕްރީލްމަހު އެމިނިސްޓްރީއަށް ހުށައެޅިފައިވާ އާއިލީ މަައްސަލަތަކަށް ބަލާލާއިރު ، 13 މައްސަލަ އެޕްރީލް މަހު އެ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. މީގެތެރޭގައި ކުދިން ބެލުމުގައި ޖެހޭ 7 މައްސަލަ، ޙަޟާނާތު ނުވަތަ ކުދިންނާ ބައްދަލުނުކުރެވޭ 5 މައްސަލަ، އަދި ދަރިންނަށް ޚަރަދު ދިނުމުގައި ދިމާވާ 1 މައްސަލަ ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!