ޚަބަރު

ތަހުގީގަށް ފާރަވެރިވުމަށް "މެއި ހައެއް"ގެ ނަމުގައި ކޮމިޓީއެއް!

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މިދިޔަ މެއިމަހު 6 ވަނަ ދުވަހުގެ ރޭ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާގެ ތަހުގީގުކުރިއަށްދާ ގޮތަށް ފާރަވެރިވުމަށް "މެއި ހައެއް" ގެ ނަމުގައި ކޮމިޓީއެއް އެކުލަވާލަން އެމްޑީޕީގެ ގައުމީ މަޖިލީހުން ފާސްކޮށްފިއެވެ.

Ads by STELCO

ރޭ އޮންލައިންކޮށް ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި އެކުލަވާލަން ނިންމި ކޮމިޓީގައި  އެކުލެވިގެން ވަނީ ފަސް މެމްބަރުންގެ މައްޗަށް ކަމަށާއި އެ ބޭފުޅުންނަކީ ނަޝީދު ކަނޑައަޅުއްވާ މެމްބަރެއްގެ އިތުރުން ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް، ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖާއި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހީމް މުއިއްޒުގެ އަދި ކުރީގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ކަމަށްވެސް އެކޮމިޓީން ވަނީ ފާސްކޮށްފައެވެ.

ވަހީދު ހުށަހެޅުއްވި ގަރާރުގައި ވަނީ ނަޝީދަށް އަމާޒުކޮށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އެމަނިކުފާނަށް އިންސާފު ހޯދައިދިނުމުގައި ޕާޓީ ދެމި އޮންނަން ޖެހޭނެ ކަމަށެވެ. އެއީ ޕާޓީގެ ހެޔޮވެރިކަމުގެ ސިޔާސަތު ނައްތައިލުމަށް ރާވައި އިންތިޒާމުކުރި ކެހިވެރި ހަމަލާއެއް ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން، އެމްޑީޕީގެ ޤައުމީ މަޖިލީހުން ތިން ކަމަކަށް އިޤުރާރުވުމަށް ވަހީދު ހުށަހެޅުއްވިއެވެ.  ފުރަތަމަަ ކަމެއްގެ ގޮތުން ހުށަހެޅުމުގައި ވަނީ ސަރުކާރުގެ އަދި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގަމުން ގެންދާ ތަޙުޤީޤުތަކާއި، ކުރާ މަސައްކަތްތައް ހިނގާނުހިނގާ ގޮތް ގާތުން ބަލައި ފާރަވެރިވަމުން ގެންދިޔުމަށެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ކުރީން ހިނގާފައިވާ ނުރައްކާތެރި އެތައް މަރެއްގެ ޙަޤީޤަތްތައް ނުހޯދި، އިންސާފު ދިގުލައިގެން ގޮސްފައިވާތީއާއި ރައީސް ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއް ދީފައި ވާތީ އެފަދަ ސީރިއަސް، ބޮޑު މައްސަލައެއްގެ ހަފަރާތް ނުހޯދިއްޖެ ނަމަ، ދިވެހި ދައުލަތުގެ ސިފަތައް ގެއްލިގެންދާނެކަމުގެ ކަންބޮޑުވުން އޮތްކަމަށް ޕާޓީން ނިންމުމަށެވެ.

ތިން ވަނަ ކަމަކަށް އިޤުރާރުވުމަށް ހުށަހަޅައިފައި ވަނީ ކޮމެޓީ އެކުލަވައިލުމަށެވެ. އެގޮތުން އެ ނުކުތާގައި ބުނެފައި ވަނީ ރައީސް ނަޝީދަށް އިންސާފު ޤާއިމުވުމަށް މުޅި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކުގައި އުޅޭ ޕާޓީގެ މެމްބަރުން ގޮވައިލަމުންދާ ކަމަށެވެ. ޕާޓީގެ ނަމުގައި ކޮމެޓީއެއް އެކުލަވާލުމަށް ހުށަހަޅައިފައި ވަނީ އެ ކަންކަން ކަށަވަރު ކުރުމަށެވެ.

ރޭ ބޭއްވި އެމްޑީޕީގެ ގަައުމީ މަޖިލީހުގެ ކުއްލި ޖަލްސާގައި އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު ހުށަހަޅުއްވައި މަކުނުދޫ ދާއިރާގެ ރައީސް އަހުމަދު މައުސޫމް ތާއިދުކުރެއްވި އެ ގަރާރު ފާސްކުރީ، ގައުމީ މަޖިލީހުގެ ޖަލްސާގައި ބައިވެރިވި 109 މެމްބަރުންގެ ތެރެއިން 100 މެމްބަރުންގެ ވޯޓާ އެކުއެވެ.

އެއާ އެކު އެކޮމިޓީން ކުރާ މަސައްކަތް، މަދުވެގެން ހަފްތާއަކު އެއް ފަހަރު ގައުމީ މަަޖިލީހަށް ހިއްސާކުރުމަށް ވެސް ގައުމީ މަޖިލީހުން ފާސްކުރިއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!