އަތޮޅުތަކަށް 96 އެމްބިޔުލާންސް ފޮނުވަނީ

އަތޮޅުތަކަށް 96 އެމްބިޔުލާންސް ފޮނުވުމަށް މިނިސްޓްރީ އޮފް ފިނޭންސުން ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ (އެސްޓީއޯ)އާ ހަވާލުކޮށްފިއެވެ.
މިކަމަށް ޓަކައި މިއަދު އެސްޓީއޯގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހެލްތުގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރ އޮފް ހެލްތު، އަހްމަދު ނަސީމެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރެވެ. އަދި އެސްޓީއޯގެ ފަރާތުން މިއެއްބަސްވުމުގައި ސޮއި ކުރައްވާފައި ވަނީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ހުސެއިން އަމްރެވެ.
މިއެއްބަސްވުމުގެ ދަށުން ގެންނަ އެންބިޔުލާންސްތައް މިނިސްޓްރީއާ ހަވާލުކުރުމަށް 180 ދުވަހުގެ މުއްދަތެއް އެސްޓީއޯއަށް ވަނީ ދެވިފައިވެއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ އޮފް ހެލްތު އަހްމަދު ނަސީމް ވިދާޅުވީ އެމްބިޔުލާންސްތައް ގެނެވުމާއެކު ރާއްޖޭގެ ގިނަ ރަށްތަކެއްގައި ދިމާވެފައި ހުރި ދަތިތަކާއި ގޮންޖެހުންތަކަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ. އަދި އެމްބިޔުލާންސްގެ ހިދުމަތަކީ ކޮންމެ ރަށަކަށްވެސް ބޭނުންވާ މުހިންމު ހިދުމަތަކަށް ވީއިރު ބައެއް ރަށްތަކުގައި އެމްބިޔުލާންސް ހަލާކުވެފައި ހުރުމުގެ ސަބަބުން ގިނަ ދަތިތަކަކާ އެރަށްރަށުގެ ރައްޔިތުން ކުރިމަތިލާން ޖެހޭކަން ފާހަގަކޮށްފައި ވެއެވެ.
ކޮވިޑް19ގެ މިހާލަތުގައި ރާއްޖޭގެ ރަށްރަށުގެ އިތުރުން މާލޭގައި ވެސް އެމްބިޔުލާންސް ލިބުމުގައި ދަތިތަކެއް ކުރިމަތިވެއެވެ.