މިއާއެކު އެކަމާ ނުރުހުންވެ ވަޑައިގެން މަހްލޫފް ވަނީ ސޯޝަލް މީޑިޔާގައި އަޑު އުފުލައިފައެވެ. މި ގޮތުން އޭނާ ވިދާޅުވީ ފެށުނީއްސުރެ ވެސް އެމްއެމްޕީއާރުސީ މައްސަލައިގައި އޭނާއާ މެދު އަމަލު ކުރަމުން އަންނަނީ ޒާތީކޮށް، ސިޔާސީގޮތުން ކަތިލާ ކަންބަޅިއެއް ގޮތަށް ކަމަށެވެ. އަދި އެކަން ކުރަނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެންކަން އެންމެ އިސްވެރިންނަށް އެނގިވަޑައިގަންނަވާ ކަމަށާއި ބޭނުމަކީ ހަމައެކަނި މަގާމުން ވަކިކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ކަންބަޅިއެއްހެން ހަމައެކަނި އޭނާ ކަތިލިޔަސް އެމްއެމްޕީއާރުސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް ކަމަށާއި، އޭނާ ވަރުބަލިވެއްޖެ ކަމަށެވެ. އަދި އަބަދު އަނގަ ބަންދުކޮށްގެން ނުހުރެވޭނެ ކަމަށް ވެސް މިނިސްޓަރުގެ ޓުވީޓުގައި ވިދާޅުވެފައި ވެއެވެ.
ވަޒީރުން ކަމުނުދާ ނަމަ، ޖެހޭނީ ވަކިކުރަން، ސަސްޕެންޑެއް ނުކުރެވޭނެ: މަލީހު

ވަޒީރުން ސަސްޕެންޑް ކުރުމަކީ ރައީސުލް ޖުމްހޫރިއްޔާއަށް ލިބިގެންވާ ބާރެއް ނޫން ކަމަށާއި ރައީސެއްގެ އެންމެ އަސާސީ ސިފައަކީ ގޮތް ނިންމުންކަމަށް ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.
ޔޫތު މިނިސްޓަރ މަހްލޫފް މަގާމުން އެކަހެރި ކުރި ޚަބަރާ އެކު ކުރެއްވި ޓްވީޓެއްގައި މަލީހު ވިދާޅުވީ، ވަޒީރުން ސަސްޕެންޑް ނުކުރެވޭނެ ސަބަބަކީ ވުޒާރާގެ މަސްއޫލިއްޔަތުތަކާއި ބަޖެޓަށް ޒިންމާވެ ޖަވާބު ދާރީވާން ޖެހޭނީ ވަޒީރުންކަމަށް ވާތީކަމަށެވެ.
"ވަޒީރުން ސަސްޕެންޑް ކުރުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން. ކަމުނުދިޔައީމާ ޖެހޭނީ ވަކިކުރަން" މަލީހުގެ ޓްވީޓްގައި ވިދާޅުވިއެވެ.
ޔޫތު މިނިސްޓަރ މަހްލޫފް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރައްވައިފައި ވަނީ އެމްއެމްއެޕީއާރުސީގެ ބޮޑު ޚިޔާނާތާ ގުޅިގެން ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނުގެ އިތުރުން އޭސީސީން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަޙުޤީޤުގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަހުލޫފަށް ލިބިފައިވާކަން ފާހަގަކުރެވިގެންނެވެ.






ކޮމެންޓް