ކޮވިޑް ޖެހިގެން މިއަދު ނިޔާވީ މިނިސްޓަރ ސަމީރުގެ ދައްތަ

ކޮވިޑް19 ގައި މިއަދު ހެނދުނު ނިޔާވި 60 އަހަރުގެ އަންހެނަކީ ރައީސް އޮފީހުގެ މިނިސްޓަރ އަހުމަދު ސަމީރުގެ ދައްތަކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
ސަމީރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާގެ ދައްތަ އާމިނަތު ޒާހިރާ މިއަދު ހެނދުނު ނިޔާވީ އެބަލީގައި 21 ދުވަހު އުޅެފައި ކަމަށެވެ.
ޒާހިރާގެ ޖަނާޒާ ބާއްވައިފައި ވަނީ މިއަދު ހެނދުނު 11:00ގައި ހުޅުމާލޭ ސަހަރާގައެވެ.
މިއީ މި ބަލީގައި ރާއްޖެއިން ނިޔާވި 193 ވަނަ މީހާއެވެ.
ކޮވިޑް ބަލީގައި ރާއްޖެއިން ނިޔާވި މީހުންގެ ތެރޭގައި ގިނައީ ހައިރިސްކް މީހުންކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ ބުނެފައެވެ. މީގެ ތެރޭގައި ހަކުރު ބަލި، ލޭ މައްޗަށް ދިޔުން، ކެންސަރު ބަލި، ހިތުގެ ބަލި އަދި ސްޓްރޯކް ހިމެނެއެވެ.