ޚަބަރު

ފުލްލޮކްޑައުންއަކަށް ގޮސްގެން ނޫނީ މި ކަމެއް ނުވާނެ:ޑރ އާޒިމް

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ގދ. ތިނަދޫގައި ހަލުވިކަމާ އެކު ކޮވިޑް ފެތުރި ކޮންޓްރޯލް ނުކުރެވޭ ހާލަތަށް ގޮސްފައިވާތީ ފުލް ލޮކްޑައުންއަކަށް ގޮސްގެން ނޫނީ އެރަށުގެ ކޮވިޑް ހާލަތު ރަނގަޅު ނުވާނެކަމަށް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް އިން އޯތޮޕެޑިކްސް އެންޑް އިންޗަރޖް އޮފް މެޑިކަލް ޑިޕާރޓްމަންޓް ޑރ. އާޒިމް ވިދާޅުވެއްޖެއެވެ.

Ads by MWSC

ޑރ. އާޒިމް ވިދާޅުވީ، މިހާރު މިހާލާތާ އެއްގޮތަށް ކުރިއަށް ދާ ނަމަ ކުރިއަށް އޮތް ހަމަސް ދުވަހު ވެސް އެރަށުގެ ހާލަތު ރަނގަޅުވާނެކަމަށް ލަފާ ނުކުރެވޭ ކަމަށެވެ. ތިނަދޫގެ ކޮވިޑުގެ ހާލަތު ގޯސްވެ ކޮންމެ ދުވަހަކު ވެސް އާ ވޭދަނަތައް ފެންނަމުންދާއިރު އެރަށުގައި މިހާރުވެސް 302 މީހުން ކޮވިޑް-19އަށް ފައްސިވެފައިވެއެވެ. އެރަށުގައި ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި 118 މީހުން އެބަތިއްބެވެ.

ތިނަދޫގައި ކޮވިޑްގެ ވޭދަނަތައް އިތުވެ، ގާތުން އެއްތާވި މީހުން ހޯދަން ކުރާ މަސައްކަތްތަކުގެ ބޭނުން ގެއްލޭ ހިސާބަށް ދާން އުޅޭހެން ހީވާ ކަމަށް ވެސް ޑރ. އާޒިމް ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވިއެވެ.

އޭޕްރީލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މީހަކާ އެއްތާވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ އެކު ތިނަދޫ ވަނީ މޮނީޓަރިން ހާލަތަށް ގެނެވިފައެވެ.

ތިނަދޫ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދިކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ.

ތިނަދޫގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވުމާ ގުޅިގެން އެ ރަށުގައި ވެސް މިވަގުތު ވަނީ ކާފިއު އިއުލާނު ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!