ޖަލު އޮޕަރޭޝަން: 43 ފޯނު އަތުލައި، ދެގައިދީއެއް ގަޔަށް ޕެޕަރ ސްޕްރޭ ޖެހި

މާލެ ޖަލާއި މާފުށީ ޖަލުގައި ސަލާމަތީ ބާރުތަކުން މިއަދު ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މާފުށި ޖަލުން ބަލައި ފާސްކުރި ގޮޅިތަކުން 43 މޮބައިލް ފޯނު އަދި މާލެ ޖަލުން އެއް ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
މިއަދު ފަތިހު 5:30 ހާއިރު ޖަލުތަކުގައި ފުލުހުން ފެށި މި އޮޕަރޭޝަނުގައި ޖަލުތަކުގައި ހަމަނުޖެހުން ހިނގައި ފުލުހުން ޓޭޒަރ ބޭނުން ކުރިކަމަށް މިޑިޔާގައި ރިޕޯޓް ކުރި ނަމަވެސް އެއީ ދޮގު މައުލޫމާތެއްކަމަށް ފުލުހުން ވިދާޅުވިއެވެ.
"މި އޮޕަރޭޝަންގައި ފުލުހުން ޓޭޒަރ ބޭނުންކުރި ކަމަށް ބުނެ ބައެއް ފަރާތްތަކުން ފަތުރާފައިވާ މައުލޫމާތަކީ ދޮގު މައުލޫމާތެއް. ނަމަވެސް، ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކާ ދެކޮޅަށް ޕެޕަރ ސްޕްރޭ ބޭނުންކޮށްފައިވޭ." އޮޕަރޭޝަނާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މާފުށި ޖަލުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަންގައި ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ބިޑި އަޅުވާފައި އިން ގައިދީއަކު، ސިމެންތި އައްޓެއްގަައި އަމިއްލައަށް ބޮލުން ޖަހައި އަމިއްލަ ނަފުސަށް ގެއްލުން ދިނުމާ ގުޅިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާކަމަށެވެ.
މީގެ އިތުރުން އެ އޮޕަރޭޝަންގައި ޕެޕަރ ސްޕްރޭ ބޭނުން ކުރުމުގެ ސަބަބުން ދެގައިދީއަކަށް ސިއްހީ ފުރަތަމަ ފޯރުކޮށްދޭން ޖެހުނު ކަމަށާއި އެ ތިން ގައިދީން ފިޔަވައި އިތުރު ގައިދީއަކަށް އަނިޔާއެއް ނުވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ޖަލުތަކުގައި ފުލުހުން ހަރަކާތްތެރިވެފައި ވަނީ ޑްރޯންއާއި، ކުއްތާ އަދި ފަހުގެ އިކުއިޕްމެންޓްތަކާ އެކުގައި ކަމަށް މައުލޫމާތު ލިބެއެވެ. ފުލުހުން ޖަލުތެރޭގައި ކުއްތާއާ އެކު ހަރަކާތްތެރިވާ ވީޑިޔޯއެއް ސޯޝަލް މީޑިޔާގައި ދަނީ ދައުރުވަމުންނެވެ.