ޚަބަރު

ނަތަންޔާހޫގެ ބާރު ކެނޑުން: ފަލަސްތީނަށް ހަަމަނޭވާ ލެވިދާނެތަ؟

އާމިނަތު ސަޒްރާ ، ދެން އޮންލައިން

12 އަަހަރުގެ ދިގު ވެރިކަމަކަށް ފަހު އިޒްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް މިވަނީ އެމަގާމު ގެއްލިފައެވެ. ފަލަސްތީނުގެ ކުށެއްނެތް ނިކަމެތިންނާ މެދު އަނިޔާވެރިކަމާ ލާއިންސާނީ އަމަލު ހިންގުމުގެ އެތައް ރެކޯޑެއް އޭނާގެ ނުބައި ޖައްބާރު ވެރިކަމުގައި ވަނީ ހަދައިފައެވެ.

Ads by MWSC

ނަތަންޔާހޫއަށް އިސްރާއީލުގެ ބޮޑު ވަޒީރުކަން ގެއްލުނީ، އެ މަޤާމުން އޭނާ ދުރުކޮށް އިސްރާއީލުގައި ކޯލިޝަން ސަރުކާރެއް އުފެއްދުމަށް އެ ޤައުމުން ޕާލިމެންޓުން ނިންމުމުންނެވެ.

އެގޮތުން އިސްރާއީލުގައި ކޯލިޝަން ސަރުކާރެއް ގާއިމު ކުރަން ފެނޭތޯ ނެގި ވޯޓުން 60 މެންބަރުން ވޯޓް ދީފައި ވަނީ ސަރުކާރު ޤާއިމް ކުރަން ފެންނަ ކަމަށެވެ. އަދި ސަރުކާރު އުފައްދަން ނުފެންނަ ކަމަށް ވޯޓް ދީފައިވަނީ 59 މެންބަރުންނެވެ.

ނަތަންޔާހޫއަކީ ކާކު؟

ބެންޖަމިން ނަތަންޔާހޫއަކީ ބެންޒިއަން ނަތަންޔާހޫގެ ދަރިއެކެވެ. ޒުވާން ދުވަސްވަރު އިޒްރާއީލްގެ މިލިޓަރީ އޮފިޝަލެއްގެ ގޮތުގައި މަސައްކަތްކުރުމަށް ފަހު ސިޔާސީ ދާއިރާއަށް އޭނާ ނުކުތީ 1988ވަނަ އަހަރު ޕާރލިމެންޓު މެމްބަރެއްގެ ގޮތުގައެވެ.

އިޒްރާއީލުގެ ބޮޑުވަޒީރުކަން ނަތަންޔާހޫއަށް ލިބުނީ 2009 ވަނައަހަރުއެވެ. ވެރިކަމުގެ ކުރީކޮޅު އޭނާގެ ހެޔޮކަން ފެނުނު ނަމަވެސް ގިނަދުވަސް ވީވަރަކުން އޭނާގެ ޖައްބާރުކަމާއި ނުލަފާކަން ފެންނަން ފަށައި އިޒްރާއީލްގެ ރައްޔިތުންގެ ނުރުހުން ވެސް އޭނާއަށް ލިބެން ފެށުމަކީ ސަރުކާރު ހިފެހެއްޓުމަށް އިތުރު މަސައްކަތްތަކެއް ކުރުމަށް އޭނާއަށް މަޖުބޫރުވެގެން ދިޔަ ކަމެކެވެ.

މިގޮތުން އަމިއްލަ ފަސްގަނޑު ދިފާއު ކުރުމުގެ ނަމުގައި 2012ވަނަ އަހަރު ފަލަސްތީނަށް ހަމަލާދީ ހަނގުރާމަ އިއުލާނު ކުރިއެވެ. ކުށެއް ނެތް އެތައް އާންމުންނެއް ޝަހީދުކޮށް ހިތްފަޅައިގެންދާ ވަރުގެ އެތައް ގަތުލުއާއްމެއް ހިންގީ މުޅި ދުނިޔެ ބަލަން އޮއްވައެވެ. ފަލަސްތީނުގެ އެތައް އިމާރާތެއް ބިމާ ހަމަކޮށް އެތައް ހޮސްޕިޓަލެއް ވީރާނާކޮށްލީ ގަސްދުގައި ދިން ހަމަލާތަކުގައެވެ. އެހެން ނަމަވެސް މުޅި އިސްލާމީ އުއްމަތުގެ ދުޢާއާ އެކު ހަނގުރާމާ ކާމިޔާބު ނުވެ އިޒްރާއީލަށް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.

އެއަށް ފަހު 2014 ވަނަ އަހަރު އަނެއްކާ ވެސް ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް، ހަނގުރާމައިގެ އެތައް ޖަރީމާއެއް އޭނާ ވަނީ ހިންގާފައެވެ. ތުއްތު ކުދިންނާ މާބަނޑު އަންހެނުންނަށް ހަމަލާދީ ނަސްލު ނައްތާލުމުގެ ބޮޑު ޖަރީމާއެއް ވަނީ ހިންގާފައެވެ. ޣައްޒާ ސުންނާފަތިކޮށް ބިން ފޭރުމުގެ އެތައް ޖަރީމާއެއް ހިންގާފައި ވަނީ ފާޅުކަން ބޮޑުކޮށެވެ. އެހެން ނަމަވެސް އެފަހަރު ވެސް ކާމިޔާބު ނުލިބި އިޒްރާއީލުން ޖެހުނީ ފަހަތަށް ޖެހޭށެވެ.

މިދިޔަ ރޯދަމަހުގެ ފަހު ދިހައެއްގައި ވެސް ފަލަސްތީނާ ދެކޮޅަށް ހަނގުރާމަ އިއުލާނުކޮށް މަސްޖިދުލް އަގްސާތެރެއަށް ވަދެ ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ޝަހީދުކޮށްލިއެވެ. އަމާޒަކަށް ހޮސްޕިޓަލުތަކާއި މީޑިޔާތައް ހަދައި މުޅި ޣައްޒާ ސުންނާފަތިކޮށްލިއެވެ. އެހެން ނަމަވެސް ހަނގުރާމަވެރި ހަތިޔާރެއް، އަސްކަރިއްޔާއެއް ނެތް ނިކަމެތި ފަލަސްތީނުގެ މައްޗަށް ވެސް ކުރިއެއް ނުހޯދުނެވެ.

މިއިން ކޮންމެ ފަހަރަކު ވެސް ފަލަސްތީނުގެ އެތައް ކުޑަކުދިންނެއް ޝަހީދުކޮށްލައި ޒުވާނުންނަށް ގަސްތުގައި ހަމަލަ ދޭކަން ބައިނަލް އަގުވާމީ މީޑިޔާތަކުން ރިޕޯޓްކުރެއެވެ. ފަލަސްތީނަށް އެހީ ދޭ ޖަމާއަތްތަކަށް ހުރަސްއަޅައި ބޯޑަރުތައް ބަންދުކޮށް އެތައް ޖެއްސުމެއް ކުރަނީ ފާޅުގައެވެ.

އައު ސަރުކާރާއެކު ފަލަސްތީނަށް ހަމަނޭވާ ލެވިދާނެތަ؟

ނަތަންޔާހޫގެ ޖައްބާރު ވެރިކަން ނިމުމަކަށް ގެނެސް، ކުރިއަށް އޮތް ދެ އަހަރު އިސްރާއީލުގެ ބޮޑު ވަޒީރުކަން ކުރެއްވުމަށް ހަމަޖެހިފައި ވަނީ ކަނާތު ފިޔައިގެ ނޭޝަނަލިސްޓް, ޔަމިނާ ޕާޓީގެ ލީޑަރު ނަފްތާލީ ބެނެޓްއެވެ. އެހެން ނަމަވެސް ސުވާލަކީ އެކުލަވައިލެވުނު އާ ސަރުކާރާ އެކު ފަލަސްތީނަށް ހަމަ ނޭވައެއް ލެވިދާނެތޯއެވެ.

އިޒްރާއީލްގެ އައު ބޮޑުވަޒީރު ނަފްތާލީ ބެނެޓް ވެރިކަމާ ހަވާލުވެ ގާނޫން ހަދާ މަޖިލީހުގައި ވާހަކަދައްކަމުން ބުނީ އަރަބި ގައުމުތަކާ އެކު ގުޅުން ބަދަހިކުރުމަށް ކޯލިޝަން ސަރުކާރުން އަހަންމިއްޔަތުކަންދީ، އަރަބި ގައުމުތަކާ އެކު ގުޅުން ގާތްކުރެވެން ހުރި ހުރިހާ ފުރުސަތުތަކަކަށް އިސްކަން ދޭނެކަމަށެވެ.

އެހެން ނަމަވެސް ބެނެޓް ވަނީ ހަމާސްއިން އިޒްރޭލަށް ހަމަލާދޭން އުޅުމަކީ ވޭންގަދަ ކަމަކަށް ވާނެ ކަމަށެވެ. ހަމާސްއިން ދޭ ކޮންމެ ހަމަލާއަކަށް ގަދަފަދަ ރައްދެއް ދެއްވާނެ ކަމަށް އޭނާ ވަނީ ވެރިކަމާ ހަވާލުމަށް ފަހު އެންމެ ފުރަތަމަ ދެއްކިވާހަކައިގައި ވެސް ވައުދުވެފައެވެ.

ފަލަސްތީނުގެ މީހުން މަރަން ޖެހޭ ކަމަށް 2013ވަނަ އަހަރު އޭނާ ވަނީ އާއްމުގެ މަޖިލީހެއްގައި ބުނެފައެވެ. އަދި ފަލަސްތީނުގެ މީހުންނަކީ ޓެރެރިސްޓުން ކަމަށް އޭނާ ބުނެފައި ވެއެވެ. އަދި އޭގެ ފަހުން 2018ވަނަ އަހަރު، ޣައްޒާގެ ކުޑަކުދިން މެރުމަށް ވެސް އޭނާ ވަނީ ހިތްވަރު ދީފައެވެ. މި ގޮތުން ބުނެފައި ވަނީ ޣައްޒާގެ ބޯޑަރު ހުރަސްކޮށް އަންނަނީ ކުޑަކުދިންނެއް ނޫން ކަމަށާއި އެއީ ޓެރެރިސްޓުން ކަމަށެވެ. އަދި އެއީ ކުޑަކުދިން ގޮތުގައި ބަލަން ނުޖެހޭ ކަމަށާއި ޓެރެރިސްޓުންނަށް އޮންނާނީ މެރުމުގެ ހުކުމްކަމަށް އޭނާ ބުނެފައިވެއެވެ.

ފަލަސްތީން ލިބަރޭޝަން އޯގަނައިޒޭޝަންގެ ރެޕްރެޒެންޓޭޓިވް ބައްސާމް އަލްސަލްހީ ބުނިގޮތުގައި ބެނެޓްއަކީ ނަތަންޔާހޫއަށް ދޫކުރާނެ މީހެއް ނޫނެވެ. އެހެކަމުން އިޒްރާއީލްގެ ސަރުކާރު ބަދަލުވުމަކީ ފަލަސްތީނަށް އޮތް ހަމަޖެހުމެއް ނޫނެވެ.

ބެނެޓުގެ ސަރުކާރަކީ ވަކި ތަފާތު ސަރުކާރަކަށް ނުވާނެކަމަށް ފަލަސްްތީނުގެ ހަމާސް ޖަމާއަތުން ވެސް ވަނީ ބުނެފައެވެ.

"ފަލަސްތީނުގެ ރައްޔިތުން ވަނީ އިޒްރާއީލުގެ އެތައް ސަރުކާރެއް ދެކިފަ. ކަނާތު ފިޔަ ވެސް ވައަތު ފިޔަ ވެސް، ފަލަސްތީނުގެ ހައްގުތަކުގެ ވާހަކަ ދައްކާކަށް ބޭނުމެއް ނުވޭ. އެ ހައްގުތައް ދޭކަށް ބޭނުމެއްނުވޭ." ހަމާސް ޖަމާއަތުގެ ސްޕޯކްސްމަން ހާޒެމް ގަސީމް ބުންޏެވެ.

ކުރުގޮތަކަށް ބުުނަނީ ނަމަ ސަރުކާރު ބަދަލުވުމަކުން ފަލަސްތީނަށް ކުރާނެ ފައިދާއެއް ފެންނާކަށް ނެތެވެ. ތާރީހަށް ބަލާއިރު މިކަމަށް ހެކިދޭ އެތައްކަމެއް އެބަހުއްޓެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!