ޚަބަރު

މިއަހަރުގެ ހައްޖު: މަހްރަމަކާ ނުލައި ހުރިހައި އަންހެނުންނަށް ހައްޖުވެވޭނެ

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ކޮވިޑް 19ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް ރައްކާތެރިކަމުގެ ހަރުކަށި ފިޔަވަޅުތަކާ އެކު މިއަހަރުގެ ހައްޖުގެ އަޅުކަމަށް ދެވޭނެ މީހުންގެ ޝަރުތުތައް ސައުދީ އަރަބިއްޔާގެ ހައްޖު މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

Ads by STELCO

އެ އިއުލާނުގައި ބުނެފައި ވަނީ، މިއަހަރު ހައްޖުވާން އެދޭ ހައްޖާޖީންނަކީ ދާއިމީ ބައްޔެއް ނެތް މީހަކަށް ވާން ޖެހޭ ކަމަށެވެ. އަދި ކޮވިޑް 19 ޖެހި ރަނގަޅުވެފައިވުން ނުވަތަ ކޮވިޑް ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހައިފައިވާ މީހަކަށް ވާން ޖެހެއެވެ. މީގެއިތުރުން ފާއިތުވީ 5 އަހަރު ދުވަހުގެ ތެރޭގައި ހައްޖެއް ވެފައި ނުވާ، އުމުރުން 18 އަހަރާއި 65 އަހަރާ ދެމެދުގެ މީހަކަށް ވުމާއި ސައުދީގައި ދިރިއުޅޭ އެ ގައުމުގެ ރައްޔިތަކަށް ވުން ނުވަތަ ސައުދީގައި ދިރިއުޅެމުންދާ އެހެން ގައުމެއްގެ ރަށްވެއްސަކަށް ވުން ވެސް މިއަހަރު ހައްޖުވާ ހައްޖާޖީންގެ ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މީގެ އިތުރުން އެންމެ ފާހަގަކޮށްލެވުނު ކަމަކީ މި އަހަރުގެ ހައްޖުގެ އަޅުކަން އަދާ ކުރުމަށް އެދޭ ހުރިހާ އަންހެނުންނަށް، މަހްރަމަކާ ނުލައި، އެހެން އަންހެން ހާޖީންނާ އެކު، ދިޔުމުގެ ފުރުސަތު ސައުދީން ދީފައިވާކަމެވެ. މިއާއެކު ހުރިހާ އަންހެން ހައްޖާޖީންނަށް މަހްރަމެއް ނެތި މިއަހަރު ހައްޖުވެވޭނެއެވެ. މީގެ ކުރިންވެސް 40 އަހަރުން މަތީގެ އަންހެން ހައްޖާޖީންނަށް މަހްރަމަކާ ނުލައި ހައްޖުވެވެއެވެ.

ސައުދީ ހައްޖު މިނިސްޓްރީން ބުނީ ހައްޖުވުމަށް ހައްޖާޖީން ރަޖިސްޓްރީވާން ޖެހޭނީ އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށްކަމަށެވެ. އަދި ރަޖިސްޓްރީވުން މިހާރު ވަނީ ހުޅުވައިލައިފައެވެ. މިއަހަރު ހައްޖުވުމުގެ ފުރުސަތު ލިބޭނީ 60 ހާސް ހައްޖާޖީންނަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!