"ބަންދުގައި އޮންނަތާ ދެމަހަށްވުރެ ގިނަ ދުވަސްވެ ނައިފަރު ރައްޔިތުން ބިކަވެއްޖެ"

ޅ.ނައިފަރު މޮނިޓަރިންގައި އޮންނަތާ ދެ މަހަށްވުރެ ގިނަ ދުވަސްވެއްޖެ ކަމަށާއި ނައިފަރުގެ ޙާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އެހީތެރިކަން ނުލިބޭ ކަމުގެ ކަންބޮޑުވުން އެ ރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދު ފާޅު ކުރައްވައިފިއެވެ.
"ދެން"އަށް މަޢުލޫމާތު ދެއްވަމުން ސާޖިދު ވިދާޅުވީ ނައިފަރު މޮނިޓަރިންގައި އޮންނަތާ ދެ މަސް ދުވަހަށްވުރެ ގިނަ ދުވަސްވުމާ އެކު ރައްޔިތުން ބިކަވެއްޖެ ކަމަށެވެ. މަސައްކަތް ހުއްޓައިލައިގެން ގޭގައި ތިބެން ޖެހުމާއެކު އާންމު ރައްޔިތުންނަށް އާމްދަނީ ލިބޭނެ ގޮތެއް ނެތި އެމީހުންގެ ދިރިއުޅުން ދަށު ދަރަޖައަކަށް ވެއްޓިފައިވާ ކަމަށާއި އެހެން ނަމަވެސް މިކަމަށް ސަރުކާރުން ވެސް އަދި ނައިފަރުގައި ހުންނަ ޅ.އަތޮޅު ހޮސްޕިޓަލުން ވެސް މާބޮޑު އަޅައިލުމެއް ނުލިބޭ ކަމަށެވެ.
"ތުންތުންމަތީން ދެކެވޭ ވާހަކަ އިވެނީ ، ރެންޑަމް ސާމްޕަލްތަކެއް ވެސް ނަގައިފި،އޭގެ ނަތީޖާއެއް ވެސް ނޭނގެ، އަޅުގަނޑުމެން ޖަވާބުދާރީވާން އެބަޖެހޭ ރައްޔިތުންނަށް ، އެކަމަކު ވާނުވާއެއް ނޭނގި ތިބެން މިޖެހެނީ" މޮނިޓަރިންއިން ރަށް ނަގާ ދުވަހަކާ ގުޅޭ ގޮތުން ރައްޔިތުން ސުވާލު ކުރާކަން ފާހަގަ ކުރައްވަމުން ސާޖިދު ވިދާޅުވިއެވެ.
https://twitter.com/s44jid/status/1404073848086024206?s=21
ސާޖިދު ކުރެއްވި ޓްވީޓެއްގައި ވެސް ވަނީ މިކަންކަން ފާހަގަ ކުރައްވައިފައެވެ.
"ރައްޔިތުން ބިކަވެއްޖެ، ނައިފަރު މޮނިޓަރިންގަ އޮންނަތާ 2 މަހަށްވުރެ ގިނަ ދުވަސްވެއްޖެ، ސަރުކާރަކަށް އެއްވެސް ކަމެއް ނޫން ، އަތޮޅު ހޮސްޕިޓަލުން ރައްޔިތުންނަށް ކުރަނީ ޖެއްސުން ، މިހެން ނުތިބެވޭނެ ދެނެއް" ސާޖިދު ވިދާޅުވިއެވެ.
ނައިފަރަކީ މާލެ ފިޔަވައި ކޮވިޑްގެ ނުރައްކާތެރިކަން އެންމެ ބޮޑުވީ ރަށެވެ. އެރަށް މޮނިޓަރިންއަށް ލީފަހުން 80 ދުވަސްވެއްޖެއެވެ. ކޮވިޑްބަލީގައި ނައިފަރުން ހަތަރު މީހަކު ދުނިޔެ ދޫކޮށްފައި ވެއެވެ.






ކޮމެންޓް