ޚަބަރު

18 އަހަރު ފުރުމުގެ ކުރިން ކޮށްފައިވާ ކުށްތައް އެއްވެސް މީޑިއާއަކަށް ހާމަ ނުކުރެވޭ ގޮތަށް ކަނޑައަޅައިފި

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

އުމުރުން 18 ވުމުގެ ކުރިން އެއްވެސް މީހަކު ކޮށްފައިވާ ކުށެއްގެ މައުލޫމާތު، މީޑިއާގެ އެއްވެސް ވަސީލަތެއް ނުވަތަ އެފަދަ އެހެން އެއްވެސް ވަސީލަތެއްގައި ހާމަ ކުރުމަކީ މަނާ ކަމެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އިން ކަނޑައަޅައިފިއެވެ.

Ads by Sosun Fihaara

އެމްއެމްސީއިން ވަނީ ޤާނޫނާ ޚިލާފުވާ ކުޑަކުދިން ހިމެނޭ މައްސަލަތަކުގެ ޚަބަރާއި މަޢުލޫމާތު ޝާއިޢު ކުރުމުގައި މީޑިއާގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން ޢަމަލުކުރަންޖެހޭ ހަމަތަކާއި މިންގަނޑުތައް ބަޔާންކޮށް އުސޫލެއް ގާއިމްކޮށް ގެޒެޓްކޮށްފައެވެ.

އެ އުސޫލުގައިވާ ގޮތުން 18 އަހަރު ނުވާ ކުޑަކުއްޖަކު ކޮށްފައިވާ ކުށެއްގެ މައުލޫމާތު މީޑިއާގެ އެއްވެސް ވަސީލަތެއް ނުވަތަ އެފަދަ އެހެން އެއްވެސް ވަސީލަތެއްގައި އާންމު ކުރުމަކީ މަނާ ކަމެކެވެ.

މީގެ އިތުރުން ކުށުގެ ޝިކާރައަކަށް ވެފައިވާ ކުދިންނާއި، އެނޫން ވެސް ސަބަބަކަށް ޓަކައި އަޅައިލުމާއި ރައްކައުތެރިކަން ބޭނުންވާ ކުދިންގެ ނަމާއި، އެޑްރެހާއި، ތަޢުލީމު ހާސިލުކުރާ ތަނުގެ މަޢުލޫމާތު ފަދަ ޒާތީ މަޢުލޫމާތެއް ނުވަތަ ސީދާގޮތުން އަދި ނުސީދާގޮތުން ނަމަވެސް ކުއްޖާއަކީ ކާކުކަން ދެނެގަނެވޭނެ ފަދަ ނުވަތަ ދޭހަވާނެ ފަދަ އެއްވެސް މަޢުލޫމާތެއް އާންމުކުރުމަކީ ވެސް މަނާކަމެއް ކަމުގައި އެ އުސޫލުގައި ވެއެވެ. އަދި އެފަދަ ކުދިންގެ ތަސްވީރު މީޑިއާތަކުގައި ބޭނުން ކުރުމަކީ ވެސް މަނާ ކަމެއް ކަމަށް ވަނީ ކަނޑައަޅައިފައެވެ.

ޝަރީޢަތުގެ މަރުޙަލާގައި ވެސް ކުއްޖާގެ މައުލޫމާތު އެއްވެސް ގޮތަކަށް އާންމުކުރުމަކީ މަނާ ކަމެއް ކަމަށް އުސޫލުގައި ބުނެފައި ވެއެވެ. އަދި ކުއްޖާއާމެދު ކުށެއްގެ ތުހުމަތުކުރެވޭ ހިސާބުން ފެށިގެން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގެ އެންމެހައި މަރުޙަލާއެއް ކަޑައްތުކޮށް މުޖުތަމަޢަށް ހެޔޮގޮތުގައި ކުއްޖާ އެނބުރި ރުޖޫޢަވުމާ ހަމައަށް ވެސް، އަދި އެއަށް ފަހުގައި ވެސް، ކުއްޖާގެ ޒާތީ މަޢުލޫމާތު ހާމަނުކުރުމަށް އުސޫލު ލާޒިމްކުރެއެވެ.

ހަމައެއާ އެކު ކުއްޖާއާ ގުޅުންހުރި ވޭދަނައަކާ ގުޅޭ މަޢުލޫމާތެއް ސީދާކޮށް އަދި ނުސީދާކޮށް ހާމަކުރުމުގެ ތެރޭގައި ކުއްޖާއަކީ ކާކުކަން އެނގޭ ފަދަ ނުވަތަ ދޭހަވާނެ ފަދަ ގޮތަކަށް ކުއްޖާގެ މަޢުލޫމާތެއް މީޑިއާގެ އެއްވެސް ވަސީލަތެއްގައި ނުވަތަ އެނޫން ވަސީލަތެއްގައި ވެސް ހާމަ ކުރުމަކީ މަނާ ކަމެއް ކަމަށް އުސޫލުގައި ވަރަށް ސާފުކޮށް ބުނެފައި ވެއެވެ.

އުސުލާއި ހިލާފުވާ ފަރާތްތަކާ މެދު މީޑިއާ ކައުންސިލްގެ ޤާނޫނުގެ ދަށުން ފިޔަވަޅު އެޅޭނެކަމަށާއި، މީޑިއާތަކުން އަބަދުވެސް ކުއްޖާގެ މަސްލަހަތު ހިމާޔަތްކޮށް، ކުއްޖާގެ މަސްލަހަތަށް އިސްކަންދޭންވާނެކަމަށް އުސޫލުގައިވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!