ޚަބަރު

އެއަރޕޯޓު ހިންގަން ގެނައި ބަދަލުން މިނިވަންކަމަށް އަސަރު ކުރާނެ: އިދިކޮޅު

މުޙައްމަދު ޝިފާއު ، ދެން އޮންލައިން
އިދިކޮޅު ލީޑަޝިޕްގެ ބައެއް ބޭފުޅުން. ފޮޓޯ: ޕީޕީއެމް

ބޭރުގެ އިންވެސްޓްމެންޓުތަކަށް ރާއްޖޭގެ އެއަރޕޯޓު ހިންގޭ ގޮތަށް ސަރުކާރުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ އިސްލާހުކުރުމާ އެކު ރާއްޖޭގެ މިނިވަން ކަމަށް ބޮޑެތި އަސަރުތަކެއް ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

އިދިކޮޅު ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފް ވިދާޅުވީ އިއްޔެ ގެނެވުނު އިސްލާހަކީ ރާއްޖޭގެ މިނިވަންކަމާއި އަމާންކަން ދެމެހެއްޓުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އެހެންކަމުން އިސްލާހު ކުރިން އޮތް ގޮތަށް އަނބުރާ ގެންދިއުމަށް އޭނާ ގޮވައިލެއްވިއެވެ.

ރައީސް ނަޝީދުގެ ވެރިކަމުގައި އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާރޕޯޓް އިންޑިއާގެ ޖީއެމްއާރަށް ދިނުމުން، އަނބުރައި އެ އެއަރޕޯޓު ހޯދުމަށް ބޮޑު ހޭދައެއް ކުރަން ޖެހުނު ކަމަށް ވެސް ޙުސައިން ފާހަގަ ކުރެއްވިއެވެ. އަދި އައު އިސްލާހު އޮތީ އެއާ ޓްރެފިކް ކޮންޓްރޯލް ވެސް ބޭރުގެ މީހުންނަށް ދޭ ގޮތަށް ކަމަށް ހުސައިން ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ހުސައިން ވިދާޅުވީ، ހަނިމާދޫ އިންޓަރނޭޝަނަލް އެއަރޕޯޓު އިންޑިއާއަށް ދިނުމަކީ މިކަންކަމުގެ ފެށުން ކަމަށާއި، އޭގެ ސަބަބުން މިނިވަންކަމަށް އަސަރު ކުރާ ކަމަށެވެ.

ގައުމެއް ވެއްޖެއްޔާ އެ ގައުމެއްގެ އަމިއްލަ ވަންތަކަމާއި، އަމިއްލަ ސިޔާދަތެއް އަދި އަމިއްލަ މިނިވަންކަމެއް އޮންނަން ޖެހޭނެ ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގެ މިސްރާބު އޮތީ ރާއްޖޭގެ އަމިއްލަވަންތަ ކަމާ ދެކޮޅަށް ކަމުގައި ހުސައިން ފާހަގަ ކުރެއްވިއެވެ.

އެއާޕޯޓް ހިންގަން ބޭރު ބަޔަކަށް ދީފިނަމަ އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ވެސް އެތައް ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވެސް ފާހަގަ ކުރެއްވިއެވެ.

Ads by HDC
  1. ހުދުހުދު

    މިހާރު އެކުރީ ދިދަޔާއި ގައުމީ ސަލާމުގެ އަގު. މާނައަކީ ކުޑަ ފައިސާ ކޮޅަކަށް އެ ވެސް ދެވިދާނެއޭ………..ގައުމު ދެބައިވާނެ ކުރިޔަށް އޮތް ދެއަހަރުތެރޭ. ބަލަންތިބޭތި.އިދިކޮޅުގަ ނެތް ތެދުވެ ހިނގައި ގަނެވޭހާ ހިތްވަރެއް ހުރި މީހެއް.ބަޔާން ނެރެވިދާނެ.ޔާމީނަކަށް ފުރުސަތެއް ނެތް.ކަމެއް ކުރަން ނުވެސް އެނގެނީ.