ޚަބަރު

ދެ ފިހާރައެއްގެ ފުރާޅުން ޓިނު ނަގައި، މިލިއަން ރުފިޔާގެ ވައްކަން ކުރި ބަޔަކު އަތުލައިގެންފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މާލޭގައި ރޭ ދެ ފިހާރައެއްގެ ފުރާޅުން ޓިނު ނަގައިގެން ވަގަށް ވަދެ، ނެގި މިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ ތަކެއްޗާ އެކު ހަތަރު މީހަކު އަތުލައިގެންފިއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި މާވެޔޮ މަގުގައި ހުންނަ ބެސްޓް ބައި މޯލްޑިވްސްގެ ފޯނު ފިހާރައިގެ ފުރާޅު ނަގައިގެން ރޭ އެތަނަށް ވަދެ އަށް ލައްކަ ރުފިޔާގެ ސާމާނު ވަގަށް ނެގިއެވެ. އެ ފިހާރައިގެ ވެރިޔާ ޢަބްދުﷲ ޝަމީލް ބުނީ ރޭ 1:00 ހާއިރު ފިހާރަ ބަންދުކޮށްފައި ގެއަށް ދިޔަ ފަހުން ބަޔަކު އެތަނުގެ ފުރާޅަށް އަރައި އުޅޭކަން މީހެއްގެ ފަރާތުން އެނގުނީ 2:30 ހާއިރު ކަމަށެވެ.

"ފިހާރަ ކައިރި ގެއެއްގެ މީހަކު ގުޅާފަ ބުނީ ފުރާޅަށް ބަޔަކު އަރައި އުޅޭ ވާހަކަ. ބެލްކަނީގައި ހުރެގެން އެ މީހާ ކިޔައިދިނީ އެ މީހުން ދިޔަ މަގުތައް. ދެން އެ ގެ ކައިރިއަށް އަޅުގަނޑުމެން ގޮސް ތިބީ" ޝަމީލް ބުންޏެވެ.

ޝަމީލް ބުނީ، ފުލުހުންނަށް ވެސް އެކަން ރިޕޯޓު ކުރުމާ އެކު ފުލުހުން ވެސް މާ ލަސްތަކެއް ނުވެ އެތަނަށް ދިޔަ ކަމަށެވެ. މީގެ އިތުރުން ޝަމީލް ބުނީ ފުލުހުންނާ އެކު އެތަނުގައި ތިއްބާ، ވައްކަން ކުރި ދެ ގެއިން އެމީހުން ނުކުތް ކަމަށެވެ. އަދި އެ ގެޔަށް ވަދެ ބެލިއިރު ވަގަށް ނެގި 55 ފޯނާއި ޕީއެސް 5 އެ ގޭގެ ބަދިގެއިން ފެނުނު ކަމަށް ވެސް އޭނާ ބުންޏެވެ.

"ފިހާރާގައި ބަހައްޓާފައި ހުރި 3،000 ރުފިޔާ އެކަނި ނުފެންނަނީ. އެހެން ހުރިހާ ސާމާނެއް ރޭގަ ފެނުނު." ޝަމީލް ބުންޏެވެ.

އޭނާ ބުނީ ވައްކަންކުރި މީހުންނާއި ވަގަށް ނެގި ތަކެތި ވެސް އެ ވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ކަމަށެވެ.

މި ދެ މީހުންގެ އިތުރުން މައްޗަންގޯޅީގައި ހުންނަ ޑްރީމްސް މޯބައިލް ފިހާރައިގެ ފުރާޅު ނަގައިގެން ރޭ ވައްކަންކުރި ދެ މީހަކު ވެސް ފުލުހުން ވަނީ ތަކެއްޗާ އެކު ހައްޔަރުކޮށްފައެވެ. އަދި ފުލުހުން ވަނީ އެ މީހުންގެ ވަނަވަރު ވެސް އާންމުކޮށްފައެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ހައްޔަރުކުރީ އުމުރުން 31 އަހަރުގެ އަލީ ފައުޒާންއާއި އަބްދުﷲ ސިމާހުއެވެ. އަލީ ފައުޒާންއަކީ ށ. ބިލެތްފަހި މީހެކެވެ. އަދި ސިމާހުއަކީ ތ. ތިމަރަފުށީ މީހެކެވެ. މި ދެ މީހުންގެ ބަންދުގެ މުއްދަތަށް ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތެއް ޖަހައިފައެވެ.

ޑްރީމްސް މޯބައިލް ފިހާރައިގެ ފުރާޅު ނަގައިގެން ވައްކަން ކުރި މީހުން ވަނީ ގިނަ އަދަދެއްގެ ފޯނާއި ޗާޖަރާއި ހެޑްސެޓް ފަދަ ސާމާނު ނަގައިފައެވެ. އެ ތަކެތީގެ އަގު 286،000 ރުފިޔާއަށް އަރައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!