ހިޔާ ފްލެޓްތަކުގެ އެގްރީމެންޓުގައި ސޮއި ކުރުން ޖުލައި މަހު 14 ގައި

ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފޭސްގައި އަޅާފައިވާ ހިޔާ ފްލެޓުތައް ދީފައިވާ ފަރާތްތަކާއެކު އެެގްރީމެންޓުގައި ސޮއި ކުރުން މިއަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހު އޮންނާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިވަގުތު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަމުން މަބްރޫކް ވިދާޅުވީ، 14 ޖުލައި އިން ފެށިގެން 30 ދުވަހުގެ މުއްދަތެއްގެ ތެރޭގައި ހުރިހާ ފަރާތްތަކުގެ އެގްރިމަންޓްގައި ސޮއި ކޮށް ނިމޭނެ ކަމަށެވެ.
މި މަހު ފްލެޓުތައް އޭގެ ހައްގުވެރިންނަށް ހަވާލު ކުރެވޭނެ މީގެ ކުރީން ސަރުކާރުން ވިދާޅުވެފައިވީ ނަމަވެސް އަދި މެއި މަހު ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންދެވުނު ނަމަވެސް ކޮވިޑްގެ ހާލަތާ ގުޅިގެން ހަވާލު ކުރުމުގެ މަސައްކަތް ވަނީ ހުއްޓުމަކަށް އައިސްފައެވެ.
ހިޔާ ފްލެޓުތަކުގެ މަހު ކުއްޔެއްގެ ގޮތުގައި ނެގުމަށް ހަމަޖެހިފައި ވަނީ 8500 ރުފިޔާއެވެ. މާލޭ ސިޓީގެ މޭޔަރު މުހައްމަދު މުއިއްޒު ވަނީ އެ އަގު ކުޑަ ކޮށްދެއްވުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ އަރިހުން އެދިވަޑައިގަންނަވައިފައެވެ.