ޚަބަރު

ރާއްޖޭގައި އެންމެ ބޮޑަށް ފެތުރެނީ އިންޑިއާ ވޭރިއަންޓް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
މާލެ މަގުމަތީގައި ފުލުހުންނާއި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ - ދެން އިމޭޖްސް/ އިބްރާހިމް ޝަމްވީލް

ރާއްޖޭގައި އެންމެ ބޮޑަށް ފެތުރިފައި ވަނީ އިންޑިއާގައި ފެތުރުނު ކޮވިޑް-19ގެ ވޭރިއަންޓް "ޑެލްޓާ" ކަމަށް ހެލްތު އިމަރޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއޯއީސީ)ގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

Ads by MWSC

ރާއްޖޭގައި ފެތުރޭ ކޮވިޑް ވޭރިއަންޓްތައް ބަލަން ރާއްޖެއިން ސީކުއެންސިން ހަދަން ބޭރަށް ފޮނުވި ސާމްޕަލްތަކުގެ ނަތީޖާ ލިބި އެ ނަތީޖާތައް މިއަދުގެ ނޫސްވެރިންގެ ބަައްދަލުވުމުގައި އެޗްއޯއީސީން ވަނީ ހާމަ ކޮށްފައެވެ.

އެ ސެންޓަރުގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ރާއްޖެއިން 30 ސާމްޕަލްގެ 3 ބެޗު ފޮނުވައިފައި އިވާނެ ކަމަށާއި އޭގެ ތެރެއިން 20 އިންސައްތައަކީ ޔޫކޭއިން މިދިޔަ އަހަރު ޑިސެމްބަރު މަހު ފެނުނު އަލްފާ ވޭރިއަންޓް ކަމަށެވެ. އަދި 27 އިންސައްތަ އަކީ އިންޑިއާ އިން ފެނުނު ޑެލްޓާ ވޭރިއަންޓެވެ.

ޑރ.ނަޒްލާ ވިދާޅުވީ ޑެލްޓާ ވޭރިއަންޓަކީ އެންމެ ހަލުވިކަމާ އެކު ފެތުރޭ ކަމަށް ފާހަގަ ކުރެވުނު ވޭރިއަންޓް ކަމަށެވެ. އަދި މީގެ ކުރިން ރާއްޖެއިން އެންމެ ގިނައިން ފެނުނު ޖީ ވޭރިއަންޓް މިހާރު ހުރީ ނެގި ސާމްޕަލްތަކުގެ 20 އިންސައްތައިގައި ކަމަށް ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ވެސް ސީކުއެންސިން ހެދުމަށް ސާމްޕަލްތައް ރާއްޖެއިން ބޭރަށް ފޮނުވުުމަށް ނިންމައިފައިވާ ކަމަށާއި ދެން ފޮނުވާއިރު ފޮނުވާނީ ކުރިއަށް ވުރެ ގިނައިން ކަމަށް ވެސް ޑރ.ނަޒްލާ ވިދާޅުވިއެވެ.

ރާއްޖެއިން މިހާރު މުޅިއަކު 70،673 މީހުން ވަނީ ކޮވިޑް-19އަށް ފައްސި ވެފައެވެ. އަދި ބަލިން ފަސޭހަ ވީ މީހުންގެ ޖުމްލަ އަދަދަކީ 61،761 އެވެ. ހަރަކާތްތެރި ވޭދަނައިގެ ގޮތުގައި މިވަގުތު 8،703 މީހުން ތިބި ކަމަށާއި ހޮސްޕިޓަލުތަކުގައި މިވަގުތު 82 މީހަކު މި ބައްޔަށް ފަރުވާ ހޯދަމުން ދާ ކަމަށް ވެސް އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކައެވެ.

ކޮވިޑް-19 ޖެހިގެން ރާއްޖެއިން ނިޔާވި މީހުންގެ އަދަދަކީ މިހާރު 198އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!