ވައްޑެގެ ފާޑުކިޔުން ސައީދަށް: އެމްއެމްޕީއާރްސީގެ ލިސްޓުގައި ހިމެނުނު ފަހުން ހުންނަވަނީ މާ ކޯފާވެފައި
މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯރަރޭޝަން (އެމްއެމްޕީއާރްސީ)ގެ ބޮޑު ޚިޔާނާތުގެ ލިސްޓުގައި މާވަށު ދާއިރާގެ މެމްބަރު މުޙައްމަދު ސައީދުގެ ނަން ހިމެނުނު ފަހުން، ހުންނަވަނީ ވަރަށް ބޮޑަށް ކޯފާވެފައި ކަމަށް ވިދާޅުވެ އެމްޑީޕީއަށް ނިސްބަތްވާ އުނގޫފާރު ދާއިރާގެ މެމްބަރު މުޙައްމަދު ވަހީދު (ވައްޑެ) ފާޑުވިދާޅުވެއްޖެއެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި، ސިވިލް ސާވިސްގެ ގާނޫނަށް ގެންނަން ހުށަހަޅައިފައިވާ އިސްލާހުގެ ބަހުސްގައި މެމްބަރު ސައީދު ވަނީ އެމްޑީޕީން ގެންނަ ލާމަރުކަޒީ ނިޒާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން އެމްޑީޕީން އަސްލު މަސައްކަތްކުރަނީ އެ ނިޒާމު ފުނޑުފުނޑު ކޮށްލަން ކަމަށް ދޭހަވާ ގޮތަށް ދެއްކެވި ވާހަކަފުޅަށް ނުރުހުން ފާޅު ކުރައްވައި މެމްބަރު ވައްޑެ ނެންގެވި ނިޒާމީ ނުކުތާއެއްގައި ވިދާޅުވީ ދޮގު ހެދިޔަސް އެކަމުގައި ކޮންމެވެސް ކަހަލަ ހައްދެއް އޮންނަންވާނެ ކަމަށެވެ. އަދި ކޮންމެ މެމްބަރަކު ވެސް ލިބޭ ވަގުތުގައި ތެދުބަހުން ވާހަކަ ދެއްކެވުމަށް ވެސް ވައްޑެ އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން ވައްޑެ ވިދާޅުވީ، ސައީދުގެ ނަން އެމްއެމްޕީއާރްސީގެ ލިސްޓުގައި ހިމެނުނު ފަހުން ހުންނަވަނީ މާބޮޑަށް ކޯފާވެފައި ކަމަށާއި ލާމަރުކަޒީ ނިޒާމުގެ ވާހަކަ އިދިކޮޅު މެމްބަރުން ދައްކަވާ އިރު މުޅި ނިޒާމު ހަލާކުކުރި ބަޔަކީ ވެސް އެއީ ކަމަށެވެ.
"ރައްޔިތުން އިންތިޚާބުކުރި 106 ކައުންސިލަރުން މަގުމަތިކޮށްލައި ފެނަކައިން ގެވަޅު ދޫކުރީ ވެސް އިދިކޮޅު ސަރުކާރުގައި. އަދި ޑިމޮކްރަސީގެ ވާހަކަ ދައްކާއިރު 200 މީހުންގެ ރަށްރަށަށް ބަޑި ހިފައިގެން އެރީ ވެސް އެބޭފުޅުން" އުނގޫފާރު ދާއިރާގެ މެމްބަރު ވިދާޅުވިއެވެ.
ސައީދުއަށް ރައްދު ދެއްވަމުން ވައްޑެ އިތުރަށް ވިދާޅުވީ ކުރީގެ ވަޒީރުކަން ވެސް ކުރެއްވި ބޭފުޅަކު އެފަދަ ވާހަކަތައް ދައްކަވާއިރު ކޮންމެވެސް ވަރަކަށް ވިސްނާލުން ރަނގަޅު ކަމަށެވެ.
އިބޫ ސްލޯލިހްގެ ނަމެއް ނެތްތޯ؟ ލިސްޓުން ސްލޯލިހްގެ ނަން އުނިކުރިޔަސް ދެއަންނަ ސަރުކާރެއްގައި ސްލޯލިހް ގެ ނަން އެްމެ ކުރީގައި އޮންޏާނެ. ޢެންމެ ކުރިން ޖަލަށް ލާނީވެސް އޭނާ.