ޚަބަރު

ތިނަދޫން ރިކޯޑު އަދަދަކަށް މީހުން ފައްސިވެއްޖެ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ގދ. ތިނަދޫން ކޮވިޑް-19އަށް ފައްސި ވީ މީހުންގެ އަދަދުތައް ރިކޯޑު އަދަދަކަށް މައްޗަށް ޖެހިއްޖެއެވެ.

Ads by STELCO

ތިނަދޫން ފައްސި ވީ މީހުންގެ އެންމެ ފަހުގެ އަދާހަމަތައް ދައްކައި ގޮތުގައި މިއަދު އިތުރު 34 މީހުން މި ވަނީ އެ ރަށުން ފައްސި ވެފައެވެ.

ތިނަދޫ ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޕަބްލިކް ރިލޭޝަންސް އޮފިސަރ ސާލިމް އަލީ "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ތިނަދޫން އިތުރު 34 މީހުން މިއަދު ފައްސިވެ، މި ބައްޔަށް ފައްސި ވީ ޖުމްލަ އަދަދު އެ ރަށުން މިހާރު 419 އަށް އަރައިފައިވާ ކަމަށެވެ.

ސާލިމް ވިދާޅުވި ގޮތުގައި އެ ރަށުން މި ބައްޔަށް ފައްސިވީ މީހުންގެ ތެރެއިން 226 މީހުން ތިނަދޫން ވަނީ ފަސޭހަވެފައެވެ. ފާއިތުވީ 24 ގަޑިއިރު ތެރޭގައި އެ ރަށުން މި ބަލިން ފަސޭހަ ވީ 12 މީހުންނެވެ.

މީގެ އިތުރުން ތިނަދޫން މި ބައްޔަށް ފައްސި ވެގެން 193 މީހަކު ވަނީ އެކަހެރި ކޮށްފައެވެ.

ތިނަދޫން މި ބަލީގައި ނިޔާވީ އެކަކެވެ.

އޭޕްރީލް 24ވަނަ ދުވަހު ތިނަދޫގައި ހޯމް ކަރަންޓީނުގައި ހުރި ދެ މީހަކު ފައްސިވެފައި ވެއެވެ. އޭގެ ތެރެއިން މީހަކާ އެއްތާވި ކަރަންޓީނުގައި ނެތް ފަރާތެއް ފައްސިވުމާ އެކު ތިނަދޫ ވަނީ މޮނީޓަރިން ހާލަތަށް ގެނެވިފައެވެ.

ތިނަދޫ ޑރ.ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. އަދިކޮންޓެކްޓް ޓްރޭސިންއާ ގުޅޭ އެއްވެސް މައުލޫމާތެއް ހިއްސާ ކުރައްވަން ބޭނުންފުޅު ނަމަ ތިނަދޫ ކޮވިޑް ހޮޓްލައިން ނަންބަރު 7934641އާ ގުޅުއްވައި މައުލޫމާތު ހިއްސާ ކުރެއްވުމަށް ވެސް އެ ހޮސްޕިޓަލުން އެދެއެވެ.

ތިނަދޫގައި ކޮވިޑް-19ގެ ހާލަތު ގޯސްވެފައިވުމާ ގުޅިގެން އެ ރަށުގައި ވެސް މިވަގުތު ވަނީ ކާފިއު އިއުލާނު ކޮށްފައެވެ. އަދި ތިނަދޫގެ ކޮވިޑްގެ ހާލަތު ގޯސްވެ ބަލި ކޮންޓްރޯލް ކުރުމަށް ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ މި ދަނޑިވަޅުގައި އެރަށް ފުރަބަންދުކުރަން ވެސް ވަނީ ނިންމައިފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!