ޚަބަރު

ޝާފިއުގެ އާއިލާއަށް ދިވެހި ފުލުހުން އަނިޔާކުރި ވާހަކައަކީ ދޮގެއް:ފުލުހުން

އާމިނަތު ސަޒްރާ ، ދެން އޮންލައިން
ޝަހީދު ހުސެއިން އާދަމް ބިލްޑިންގ -- ދެން އިމޭޖްސް/އިބްރާޙީމް ޝަމްވީލް

އަފްޣާނިސްތާނުގެ ޖަލެއްގައި ހައްޔަރުކޮށްފައިވާ ޢަލީ ޝާފިޢަށާއި އޭނާގެ އާއިލާއަށް، ދިވެހި ފުލުހުންގެ ޚިދުމަތަށް ނިސްބަތްވާ ފުލުހުން އަނިޔާކޮށް، ހުތުރު ބަހުން މުއާމަލާތު ކޮށްފައިވާ ކަމަށްބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

ޢަލީ ޝާފިޢު އޭނާގެ އަނބިމީހާއާއި ދަރިންނާއެކު އަފްޣާނިސްތާނުގެ ޖަލެއްގައި ހައްޔަރުކޮށް ލާއިންސާނީ އަނިޔާތަކެއް ދެމުންދާ ކަމަށް ބުނެ ސޯޝަލް މީޑިޔާގައި ފެތުރިފައިވާ ވާހަކަތަކާ ބެހޭ ގޮތުން ފުލުހުން މިރޭ ނެރުނު ބަޔާނެއްގައި ވިދާޅުވީ ޢަލީ ޝާފިޢާއި އޭނާގެ އަނބިމީހާއާއި 04 ދަރިން އަފްޣާނިސްތާނުގެ ނަންގަގްހާރު ޕްރޮވިންސްއިން ހައްޔަރުކޮށްފައިވާކަމުގެ މަޢުލޫމާތު އިންޓަރޕޯލް މެދުވެރިކޮށް 2018 ނޮވެންބަރު  18 ވަނަ ދުވަހު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެމަޢުލޫމާތު އިންޓަރޕޯލް މެދުވެރިކޮށް ލިބުމުގެ ކުރިން އެ މީހުންނާ ގުޅޭ މިފަދަ މަޢުލޫމާތެއް އެސަރވިސްއަށް ލިބިފައި ނުވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ ޝާފިއުގެ އާއިލާގެ މައުލޫމާތު އަފްޣާނިސްތާނުގެ ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ފުލުހުންގެ ޓީމެއް 2019 ފެބުރުއަރީ މަހު ތެރޭގައި ގޮސްފައިވާ ކަމަށާއި މި ކަންކަމާ ގުޅޭ ތަފްޞީލުތައް 2019 ޑިސެންބަރު 03 ވަނަ ދުވަހު ނޫސްބަޔާނެއް މެދުވެރިކޮށް އާއްމުކޮށްފައިވާ ކަމަށެވެ.

މީގެ އިތުރުން ވެސް ފުލުހުން ވިދާޅުވީ ޝާފިއުގެ އާއިލާއަށް ދިވެހި ފުލުހުން އަނިޔާކޮށް ހުތުރު ބަހުން މުއާމަލާތް ކޮށްފައިވާ ވާހަކައަކީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށާއި އެފަދަ ވާހަކަ ފަތުރާ މީހުންނާ މެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

"މި މައްސަލައިގައި ޢަލީ ޝާފިޢަށާއި އޭނާގެ އާއިލާއަށް، ދިވެހި ފުލުހުންގެ ޚިދުމަތަށް ނިސްބަތްވާ ފުލުހުން އަނިޔާކޮށް، ހުތުރު ބަހުން މުއާމަލާތު ކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ވާހަކަތަކެކެވެ. އަދި މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާ އެއްވެސް މަސައްކަތެއްގެ ތެރެއިން، އިންސާނީ ހައްގަށާއި ކަރާމަތަށް އުނިކަން އަތުވެދާނެ އެއްވެސް ކަމެއް ކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވަމެވެ." ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

ފުލުހުން ވިދާޅުވީ ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ ވަކިވަކި މުވައްޒަފުންނާ މެދު، މީހުންގެ މެދުގައި ނަފްރަތު އުފައްދައި، އެ މުވައްޒަފުންގެ ފުރާނަ ނުރައްކަލަށް ހުށަހެޅޭ ގޮތަށް، ހަގީގަތާ ހިލާފު ވާހަކަތައް ދައްކާ ފަރާތްތަކާއި އެފަދަ ކަންކަމަށް ހިތްވަރުދޭ ފަރާތްތަކާ މެދު ގާނޫނީ ގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!