ޚަބަރު

މަހްލޫފްގެ މައްޗައް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރައި ފޮނުވައިލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މިނިސްޓަރ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަހްލޫފަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް، އެންޓި ކޮރަޕްޝަން ކޮމިޝަނުން ފޮނުވި މައްސަލަ އަނބުރައި ފޮނުވައިލައިފިއެވެ.

Ads by Sosun Fihaara

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައާ ގުޅިގެން މިނިސްޓަރ މަހްލޫފަށް ދައުވާ ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕީޖީއަަށް ފޮނުވީ މިޖޫން މަހުގެ 9 ދުވަހުއެވެ. މިމައްސަލައިގައި މަހްލޫފަށް ދައުވާ ކުރަން ނިންމުމާ އެކު މިނިސްޓަރުކަމުގެ މަގާމުން ސަސްޕެންޑް ކުރަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ނިންމަވާފައެވެ.

އެއާ އެކު މަގާމުން ވަގުތީގޮތުން އެކަހެރިވެ ހުންނަވައި، މަހުލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައި ވަނީ، ކަންބަޅިއެއްހެން ހަމައެކަނި އޭނާ ކަތިލިޔަސް އެމްއެމްޕީއާރުސީގެ މައްސަލަ ނިމުނީކަމަށް ރައްޔިތުން ދެކޭނެކަމަށް ހީކުރުމަކީ ގޯހެއް ކަމަށާއި އޭނާ ވަރުބަލިވެއްޖެ ކަމަށެވެ. އަދި އަބަދު އަނގަ ބަންދުކޮށްގެން ނުހުރެވޭނެކަމަށް ވެސް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މަހްލޫފް މައްޗަށް ދައުވާކޮށްފައި ވަނީ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި ހުންނަވާ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޭރު ބަހުސްކޮށް ވޯޓަށް އެހި އެސްއީޒެޑް ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމި ހުރުމުގެ މުގާބިލުގައި 33,000.00 އެމެރިކާ ޑޮލަރު ލިބިފައިވާކަން އެނގޭ ކަމަށް ބުނެއެވެ.

މަހްލޫފްގެ މައްސަލަ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ހުށަހެޅީ ޗުއްޓީގައި ހުންނަވަނިކޮށް ކަމަށްވުމުން، ރާއްޖެ ވަޑައިގަންވާ ތާރީޚެއް ސާފު ކުރުމަށް "ދެން" އިން ސުވާލު ކުރުމުން މަހްލޫފް ވިދާޅުވީ، އެމަނިކުފާނު މިވަގުތު ހުންނެވީ ދުބާއީގައި ކަމަށާއި އެޤައުމަށް ވަޑައިގަތީ ޖޫން 3 އިން 19އަށް މިނިސްޓްރީން ޗުއްޓީ ނަންގަވައިގެން ކަމަށެވެ. އަދި 19 ވަނަ ދުވަހު ރާއްޖެ ވަޑައިގަންނަވަން ނިންމަވައިފައިވާ ކަަމަށާއި އެންމެ ލަސްވެގެން މިމަހު 25 ގައި ހުންނާނީ ރާއްޖޭގައި ކަމަށް މަޙްލޫފް ވިދާޅުވިއެވެ.

މަޙްލޫފްގެ މައްޗަށް އުފުލައިފައިވާ މައްސަލައާ ގުޅިގެން އެމަނިކުފާނު ވިދާޅުވީ، އޭނާގެ މައްޗަށް ދައުވާ ކުރާ މައްސަލައިގައި އޭސީސީއަށް ދައުވާ ކުރުމުގެ އެއްވެސް ގާނޫނީ ބާރެއް ނުލިބޭނެ ކަމަށެވެ. އެކަން އެސެޓް ރިކަވަރީ ކޮމިޝަން އުފައްދަވަން ރައީސް ނެރުއްވި ގަރާރުން އަދި ރިޔާސީ ކޮމިޝަންގެ ގާނޫނުން ވެސް ސާފުވާ ކަމަށް ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ކުރިން ދަޢުވާ ފޮނުވި ފަރާތްތަކަށް ވެސް ދަޢުވާ ކޮށްފައި ވަނީ ކޮމިޝަނުން ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!