އުންމީދަކީ މި ހަފްތާގައި ރަށް މޮނީޓަރިންގުން ނެގުން، ކާފިއުއަށް ލުއިތަކެއް ދޭނަން: ގަމު ކައުންސިލު

ކޮވިޑް-19 ގެ ގިނަ ވޭދަނަތަކެއް ފެނިފައިވާ ލ. ގަން މި ފެށޭ ހަފްތާ ތެރޭގައި މޮނިޓަރިންގެ ހާލަތުން ނެގޭނެކަމަށް އުންމީދު ކުރައްވާ ކަމަށާއި ކާފިއު ގަޑިތަކަށް ވެސް ލުއި ދޭނެ ކަމަށް އެ ރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ލ. ގަމު ކައުންސިލު ރައީސް އަހުމަދު ޒަކީ "ދެން" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ރަށުގެ ހާލަތަށް ބަލާއިރު ގަން-ފޮނަދޫގެ ހާލަތު ވަރަށް ބޮޑުތަން ރަނގަޅު ކަމަށެވެ.
"އަޅުގަނޑުމެން އުންމީދު މިކުރަނީ މި ފެށޭ ހަފްތާގައި ތެރޭގައި މޮނީޓަރިންގެ ހާލަތުން ގަން ނެގޭނެ ކަމަށް. މިހާރު ގަން/ފޮނަދޫގެ ކޮވިޑް ހާލަތު ވަރަށް ބޮޑުތަން ރަނގަޅު. އެހެން ނަމަވެސް އަތޮޅުތެރެއަށް ބަލާއިރު މާވަށާއި އިސްދޫ އަދި އުޅެނީ ދަށްކޮށް" ޒަކީ ވިދާޅުވިއެވެ.
ޒަކީ އިތުރަށް ވިދާޅުވީ ކޮވިޑް-19ގެ ހާލަތު ލ. ގަމުގައި ރަނގަޅުވަމުން އައި ނަމަވެސް، "މައި ދޮރާށިތައް" ހުޅުވައިލުމުން އެކަމާ ދޭތެރޭ ވިސްނާލަން ޖެހޭ ކަމަށެވެ.
"މައި ދޮރާށިތަކޭ މިބުނަނީ ބަނދަރުތަކަށް. އަޅުގަނޑުމެން އައިސް ގޮސް އުޅޭ އުޅަނދުފަހަރާއި އަދި އެއްގަމު މަގުންނާ ކަނޑުގެ މަގުން ވެސް ރަށަށް އެތެރެވާ ފަރާތްތަކާ މެދު ވިސްނަން ޖެހޭ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ބަލަން ޖެހޭ ކަމެއް އަދި އެކަމަށް ޓަކައި ކުރިއަށް އޮތްތަނުގައި ފިޔަވަޅުތަކެއް ވެސް އެޅިގެން ދާނެ ލުއިތަކެއް ދިން ކަމުގައި ވިޔަސް. ރަށް އެއްކޮށް މޮނީޓަރިންގުން އަދި ނުނެގުނު ކަމުގައިވިޔަސް ލުއިތަކެއް ދޭނަން" ޒަކީ ވިދާޅުވިއެވެ.
ގަމު ކައުންސިލު ރައީސް އިތުރަށް ވިދާޅުވީ ދޭނެ ލުއިތަކުގެ ތެރޭގައި ކާފިއުއަށް މިހާރު އޮތް ވަގުތަށް ބަދަލުގެންނަން ނިންމައިފައިވާ ކަމަށެވެ. އެގޮތުން މިހާރު ހަވީރު 4:00 އިން ފަތިހު 4:00އަށް އިއުލާނު ކޮށްފައިވާ ކާފިއު ގަޑި، ރޭގަނޑު 9:00 އިން އަނެއް ފަތިހު 4:00 އަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ވެސް ޒަކީ ވިދާޅުވިއެވެ. މި ބަދަލު ގެންނަން ގަސްތުކޮށްފައި ވަނީ ކުރިއަށް އޮތް ހަފްތާގައި ކަމަށް ވެސް ޒަކީ ވިދާޅުވިއެވެ.
މީގެ އިތުރުން މޮނީޓަރިންގެ ހާލަތުން އެ ރަށް ނެގުމުން، ހޮޓާ، ކެފޭ، ރެސްޓޯރަންޓްފަދަ ތަންތަން ވެސް ހުޅުވިގެން ދާނެ ކަމަށް ޒަކީ ވިދާޅުވިއެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތާ ގުޅިގެން އަޅަން ވިސްނައިފައިވާ އުސޫލުތައް އެ ފަރާތްތަކަށް އިތުރަށް ކިޔައިދެމުން އަންނަ ކަމަށާއި އެ ތަންތަން ހުޅުވޭނީ އެ އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރެވޭނެ ކަހަލަ ގޮތަކަށް އިންތިޒާމު ކުރެވުމުން ކަމަށް ވެސް ޒަކީ ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ މައިގަނޑު ބޭނުމަކީ ދެވަނަ ދެވަނަ ލޮކްޑައުނަކަށް މި ރަށް ނާންނާނެ ކަހަލަ ގޮތަކަށް ކަންކަން އިންތިޒާމު ވެގެން ދިޔުން." ޒަކީ ވިދާޅުވިއެވެ.
ޒަކީ ވިދާޅުވީ ފާއިތުވެ ދިޔަ ދުވަސްތަކުގައި ވަރަށް ބޮޑެތި ގެއްލުންތައް ވެގެން ދިޔަ ކަމަށާއި އެހެންކަމުން މިކަމުގައި ތަހައްމަލު ކުރި ވޭން އެންމެ ރަނގަޅަށް އެނގޭނީ ވެސް ރައްޔިތުންނަށް ކަމަށްވާތީ، ލުއިތައް ދެވޭނީ ރައްކާތެރިކަމުގެ އިތުރު ފިޔަވަޅުތަކާ އެކު ކަމަށެވެ.
މީގެ އިތުރުން ޒަކީ ވިދާޅުވީ، ކޮވިޑް ފެތުރުން ކޮންޓްރޯލު ކުރުމުގެ ގޮތުން ފޮނަދޫ ބޯޑަރު މިހާރު ވެސް ހުރީ ހިފެހެއްޓިފައި ކަމަށާއި ގަމުގެ ތިން އަވަށުން ވެސް މީހުން އައިސް ގޮސް އުޅުން ވަނީ ވަކި ކޮންޓްރޯލަކުން ހިފެހެއްޓިފައި ކަމަށެވެ.






ކޮމެންޓް