ޚަބަރު

ހޯމް މިނިސްޓަރ އިމްރާން މަޖިލީހަށް ވަޑައިގެން މަޢުލޫމާތު ދެއްވައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ކުރިއަށްގެންދާ ޕާލިމަންޓްރީ އިންކުއަރީއަށް، މިނިސްޓަރ އޮފް ހޯމް އެފެއާޒް ޢިމްރާން ޢަބްދުﷲ މަޢުލޫމާތު ދެއްވައިފިއެވެ.

Ads by STELCO

“ދެން”އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރައްޔިތުންގެ މަޖިލީހުން ފަށައިފައިވާ ޕާލިމަންޓަރީ އެންކުއަރީއަށް މިނިސްޓަރ ޢިމްރާން ހާޒިރުވާން އަންގަވައިފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ދެމުން ގެންދާ ސަލާމަތާއި ރައްކާތެރިކަން ބަލިކަށިވި ގޮތް ހޯދުމުގެ ގޮތުން ސުވާލު ކުރެއްވުމަށެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އިންކުއަރީ ހަދަމުންދާ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާ ބެހޭ ކޮމިޓީއަށް ދައުލަތުގެ ވަޒީރުންނާއި ވަކިވަކި ފުލުހުންނާއި ސިފައިން ވެސް ދަނީ ހާޒިރުކުރަމުންނެވެ.އެގޮތުން ރައީސް ނަޝީދުގެ ސެކިއުރިޓީ ބަލަހައްޓާ އެމްއެންޑީއެފުގެ އެސްޕީޖީގެ ސިފައިންގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފާއި ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑިރެކްޓަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވެސް ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ.

އަދި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ފުލުހުންގެ މުއައްސަސާގެ އިސްވެރިން ވެސް މިހާރު ވަނީ ކޮމިޓީއަށް ހާޒިރުކޮށްފައެވެ. މީގެ އިތުރުން މަރުކަޒީ ބޭންކުގެ ގަވަރުނަރު އަލީ ހާޝިމްއާއި މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުޙައްމަދު ވެސް ހާޒިރުކޮށްފައިވެއެވެ.

މިދިޔަ މަހު ހަވަނަ ދުވަހު މަޖިލީހުގެ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން ހަތަރު މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވައިލި ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ.

ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކުރައްވައިފައެވެ.

ރައީސް ނަޝީދަށް ފުރަތަމަ ފަރުވާ ދީފައި ވަނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެގޮތުން 16 ގަޑިއިރު ތެރޭ އެމަނިކުފާނުގެ ހަތަރު އޮޕަރޭޝަނެއް ކުރަން ޖެހުނުކަމަށް އޭޑީކޭއިން ހޮސްޕިޓަލުން ބުނެފައިވެއެވެ. އަދި ރައީސް ނަޝީދުގެ ހަށިކޮޅަށް 10 ރޭޒަ ފުއް ވަދެފައިވާ ކަމަށާއި ހަށިކޮޅުގެ މުހިންމު ގުނަވަންތައް ފޫއަޅުވައިލި ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

  1. ސަލީމު

    ރާއްޖޭގަ ނެއްތަ ތިނޫންމީހެއް އަނިޔާވި ރެޔާދުވާލު ކިތައްމީހުން އާއިލާއާއި ވަކިވެދަނީ މަޖިލީހުންއެކަމާ ވާހަކައެއް ނުދައްކާ