ޚަބަރު

މަކަރާއި ހީލަތުން 3.9 މިލިއަން ރުފިޔާ މިއަހަރު އެކި މީހުން އަތުން ފޭރިގެންފައިވޭ: ފުލުހުން

ރައުފާ ރަޝީދު ، ދެން އޮންލައިން

މި އަހަރުގެ މިހާތަނަށް މަކަރާއި ހީލަތުން 3.9 މިލިއަން ރުފިޔާ އެކި މީހުންގެ އަތުން މަކަރާއި ހީލަތުން އަތުލާފައިވާކަމަށް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފާއިޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

އޮޅުވައިލައިގެން ހިންގާ ފޭރުމުގެ އެކިއެކި މައްސަލަތަކާ ގުޅޭ ގޮތުން އަލީ ފާއިޒުގެ އިތުރުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ނާހިދު ހުސައިން ރޭ ވަނީ ޓީވީއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ތަފްސީލްކޮށް ވާހަކަ ދައްކަވައިފައެވެ.

އެ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެ ބޭފުޅުން އިތުރަށް ވިދާޅުވީ 2020 ވަނަ އަހަރު އެކަނި ވެސް މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 226 މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފައިވާ ކަމަށާއި އެ މައްސަލަތަކުގައި 3.5 މިލިއަން ރުފިޔާ އޮޅުވައިލައިގެން އެކި މީހުންގެ އަތުން ނަގައިފައިވާ ކަމަށް ފުލުހުންގެ ތަހުގީގުތަކަށް ފާހަގަކުރެވޭ ކަމަށެވެ. އަދި މި އަހަރުގެ މިހާތަނަށް އެފަދަ 259 މައްސަލައެއް ހުށަހެޅިފައިވާއިރު އެ މައްސަލަތަކުގައި 3.9 މިލިއަން ރުފިޔާ އެކި މީހުންގެ އަތުން ނަގާފައިވާ ކަމަށެވެ. އަދި އެގޮތަށް ފައިސާ އަތުލަމުންދަނީ އެކި މީހުންގެ ނަމުގައާއި ފިހާރަތަކާއި ޖަމިއްޔާތައް އަދި ކުންފުނިތަކުގެ ނަމުގައި އެކި މީހުންނަށް ގުޅައިގެން ކަމުގައި ފާހަގަކުރެއްވިއެވެ. އަދި މިފަދަ މައްސަލަތައް ކޮވިޑް ތެރޭގައި އިތުރުވެފައިވާ ކަމުގައި ވެސް ފުލުހުން ފާހަގަ ކުރެއްވިއެވެ.

އޭގެ އިތުރުން، މަކަރާއި ހީލަތުގެ އެފަދަ މުއާމަލާތްތައް މީގެ 10 ވަރަކަށް އަހަރު ކުރިން ފެށިގެން އައިއިރު ރެންޑަމްކޮށް މީހުންނަށް ގުޅައިގެން ފައިސާ އަތުލަމުން ދިޔަކަން ފާހަގަކުރެވޭ ކަމަށާ އެހެން ނަމަވެސް މިހާރު މަކަރުވެރިން އެފަދަ ކަންކަން ހިންގަމުން ދަނީ ވަރަށް ރޭވުންތެރިކަމާ އެކުގައިކަން ފާހަގަ ކުރެއްވިއެވެ. އެގޮތުން ކުންފުނިތަކުގެ ލިޔެކިއުންތައް ހަދައި އެ ކުންފުނިތަކުގެ ނަމުގައި ވެސް މިހާރު މަކަރާއި ހީލަތުން ފައިސާ ހޯދަމުން ދާކަމަށާއި ފައިސާގެ ތަނަވަސްކަން ހުރި މީހުންނަށް އަމާޒުކޮށް މިހާރު މިކަން ކުރަމުންދާކަމުގައި ވެސް ފާހަގަ ކުރެއްވިއެވެ.

އެ ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އެ ބޭފުޅުން އިތުރަށް ވިދާޅުވީ އާންމުގޮތެއްގައި ޖަލުން އަންނަ އެފަދަ ކޯލު ތަކުގައި ބޭނުންކުރާ ނަމްބަރުތައް ހުންނަނީ ބިދޭސީންގެ ނަމުގައި ކަމަށާއި އެކަކުގެ ނަމުގައި 800 ވަރަކަށް ނަމްބަރު ނަގައިފައި ހުންނަކަން ފާހަގަކުރެވޭ ކަމުގައެވެ. އެހެންކަމުން އެފަދަ މައްސަލަތައް ތަހުގީގު ކުރުމުގައާއި މައްސަލައިގައި ހިމެނޭ މީހުން ދެނެގަތުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށާއި އެފަދަ މައްސަލަތަކުގައި ފައިސާތައް އަނބުރާ ހޯދެނީ ވެސް މަދު މައްސަލަތަކެއްގައި ކަމުގައި ފާހަގަކުރެއްވިއެވެ.

އަދި މަކަރާއި ހީލަތުން ފައިސާ ހޯދުމަށް ގުޅަމުންދާ މައްސަލަތައް މާފުށީ ޖަލުގެ އިތުރުން މިހާރު ޅ. އަތޮޅާއި ލ. އަތޮޅު އަދި އައްޑު އަތޮޅުގައި ވެސް އިތުރުވަމުންދާކަމުގައި ވިދާޅުވިއެވެ. އަދި އެކަމުގައި ހަރަކާތްތެރިވަމުން ދަނީ ޖަލުން މިނިވަން ވެފައިވާ މީހުންކަމުގައި ވެސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ކޮންމެ މީހަކު ވިޔަސް ފައިސާގެ ބޮޑެތި މުއާމަލާތުތައް ކުރާއިރު އެއީ ކާކުކަން ނުވަތަ ކޮންބައެއްކަން ދެނެގަތުމަށާއި އެ މުއާމަލާތުގެ ސައްހަކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސް ކުރެއްވިއެވެ.

އޭގެ އިތުރުން، ފިހާރަތަކުން މުދާ ގަތުމަށް ފަހު ސައްހަނޫން ސްލިޕް ފޮނުވަމުންދާ މައްސަލަތައް ހުށަހެޅެމުންދާ ކަމުގައި ވެސް ފާހަގަ ކުރެއްވިއެވެ. އެގޮތުން، އެ މީހުން ފުރަތަމަ ފިހާރައަށް ގޮސް ތަކެތީގެ އަގު ބަލައި އެނބުރިގޮސް ދެން އަލުން ފިހާރައަށް ދަނީ އެ އަގުތައް ހިމަނައިގެން ސައްހަ ނޫން ސްލިޕް ތައްޔާރުކޮށްގެން ކަމުގައި ފާހަގަ ކުރެއްވިއެވެ.

އަދި ފިހާރައިން ތަކެތި ނެގުމަށް ފަހު، މަކަރުވެރިޔާ ތައްޔާރުކޮށްގެން ދިޔަ ސައްހަ ނޫން ސްލިޕް ފިހާރައިގެ ނަމްބަރަށް ވައިބަރކުރާކަމުގައި ވެސް ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިފަދަ ކަންކަމުން ރައްކާތެރިވުމަށް ފިހާރަތަކުން ވެސް ހާއްސަ ސަމާލުކަމެއް ދިނުމަށާއި ތަކެތި ހަވާލުކުރުމުގެ ކުރިން އެ ފައިސާ ފިހާރައިގެ އެކައުންޓަށް ޖަމާވެފައިވޭތޯ ޔަގީންކުރުމަށް އިލްތިމާސް ކުރެއްވިއެވެ.

އޭގެ އިތުރުން، ޑޮލަރުގެ މުއާމަލާތްތައް ހިންގުމުގަ އިވެސް މަކަރާއި ހީލަތް ހަދަމުންދާ ކަމުގައި ފާހަގަ ކުރެއްވިއެވެ. އެގޮތުން ވައިބަރ އަދި ޓެލެގްރާމް ގްރޫޕްތަކުގައި ކަޅު ބާޒާރުގައި ޑޮލަރު ވިއްކަމުންދާކަމާއި ޑޮލަރު ދޭނެކަމަށް ބުނެ ދިވެހި ރުފިޔާ އަތުލުމަށް ފަހު ޑޮލަރު ނުދޭ މައްސަލަތައް ވެސް ހުށަހެޅެމުންދާ ކަމުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ޑޮލަރުގެ މުއާމަލާތްތަކާ ގުޅުން ހުރި 72 މައްސަލައެއް ހުށަހަޅައިފައިވާ ކަމަށާއި އެ މައްސަލަތަކުގައި 1.4 މިލިއަން ރުފިޔާގެ ގެއްލުން އެކި މީހުންނަށް ވެފައިވާ ކަމުގައި ވެސް ފުލުހުން ވިދާޅުވިއެވެ.

ހަމައެހެންމެ ފިހާރަތަކާއި ރިސޯޓުތަކަށް މުދާ ފޮނުވުމުގައި ވެސް މަކަރާއި ހީލަތް ހަދަމުންދާ ކަމުގައި ފާހަގަ ކުރެއްވިއެވެ. އެހެންކަމުން މިފަދަ ކަންކަމުން ތިމާއާއި އަނެކުން ވެސް ސަލާމަތްކުރުމަށް މަސައްކަތްކުރުމަށް އިލްތިމާސް ކުރެއްވިއެވެ. އެގޮތުން ކާޑުގެ މައުލޫމާތު ހޯދުމަށް ބެންކުން ނުވަތަ އެހެން އޮފީހަކުން ވެސް ނުގުޅާނެކަން ހަނދާނުގައި ބެއްޓުމަށް އިލްތިމާސް ކުރެއްވިއެވެ. އަދި ކާކުކަން ނޭނގި ފައިސާގެ މުއާމަލާތުތައް ނުކުރުމަށާއި ކާޑުގެ މައުލޫމާތު ހިއްސާ ނުކުރުމަށާއި ކާޑުގެ މައުލޫމާތު އޮޅުންފިލުވާ ހިސާބުން ދެން އިތުރަށް އެމީހަކާ މުއާމަލާތު ނުކުރުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!